ވ. ކެޔޮދޫއިން ފިސްތޯލެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުން އެކަން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ފިސްތޯލެއް ކަމަށް ބެލެވޭ އެއްޗެއް އެ ރަށު ގޮނޑުދޮށުން ފެނިގެން މިއަދު ހެނދުނު 11:30 ކަންހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުންދާ ކަމަށާއި، އިތުރު މައުލޫމާތެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ވ. ކެޔޮދޫން ފެނުނު ފިސްތޯލަ --- ފޮޓޯ/ އަހްމަދު ޔޫސުފް

ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ޔޫސުފް ވިދާޅުވީ، އެ ފިސްތޯލަ ފެނިފައިވަނީ އެރަށުގެ ބަނދަރުގެ އިރުމަތީ ފަރާތުން ކަމަށެވެ. އަދި އެ ފެނިފައިވަނީ ކުޑަ ދެ ކުއްޖަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުވަ އަހަރުގެ ދެތިން ކުއްޖަކަށް ކޮތަޅުގަނޑެއްގައި އޮއްވައި އެ ފެނުނީ. އެ ފިސްތޯލައިގެ ބޭރުގައި ހުރި ވަރަށް ކުޑަކޮށް ދަބަރު ޖަހާފަ." ޔޫސުފް ވިދާޅުވިއެވެ.

މީގެ ކުރިން ބ.ހިބަޅިދޫގެ ފަޅުތެރެއިންވަނީ ހަނގުރާމަ ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ފެނިފައެވެ. އެފަހަރު ފެނުނު ހަތިޔާރުތަކުގެ ތެރޭގައި ސިފައިންގޭ ހަތިޔާރުވެސް ހިމެނެއެވެ.