ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ރައީސްގެ މަގާމަށް އިބްރާހިމް ޝާހިދާއި ނައިބް ރައީސަކަށް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އިންތިޚާބުކޮށްފިއެވެ.

ލޭމްގެ 10 ވަނަ ދައުރަށް ހޮވުނު ބޯޑު މެމްބަރުންގެ ތެރޭގައި މޯލްޑިވްސް ބޯޓު ކްލަބްގެ ފަރާތުން މުފީދު އަބްދުﷲ، އައިމޯ ޓްރެވަލްސްގެ ފަރާތުން މޫސާ ރަޝީދު، ވީއޭއެމް ކޯގެ ފަރާތުން އަހުމަދު ޒުބައިރު އަހުމަދުގެ އިތުރުން ވޮޔޭޖެސް މޯލްޑިވްސް ގެ ފަރާތުން ހައްވާ ނަފީލާއާއި ނޫރާނީ ޓްރޭޑް އެންޑް ޓްރެވަލްސްގެ ފަރާތުން އަހުމަދު އިބްރާހިމް އަދި ޓްރިޕް ކޮންސެޕްޓްގެ ފަރާތުން ހުސައިން ޝަހުދީ ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ބޯޑަށް ހޮވުނު މެމްބަރުންގެ ތެރޭގައި ކާޕް ޑިއެމް މޯލްޑިވްސްގެ ފަރާތުން އާމިރު މަންސޫރާއި މާސެލާ ސަފާރީގެ ފަރާތުން އަބްދުﷲ ނަޝީދު (ޓޮމާ) އަދި އަޒާލިއާ ކްރޫސްގެ ފަރާތުން އަހުމަޑު ވިޝާމްވެސް ހިމެނިވަޑައިގަންނަވައެވެ.

ލޭމްގެ 10 ވަނަ ރައީސަކަށް އިންތިޚާބުވެވަޑައިގަތް އިބްރާހިމް ޝާހިދު، އާންމު ނަމުން ނަމަ ބްލޫކޭ ޝާޑަކީ އެ އެސޯސިއޭޝަންގެ ކޯ ފައުންޑާ އެކެވެ. ލިވްއަބޯޑު އިންޑަސްޓްރީގައި ހުންނަވައިގެން އެ އެސޯސިއޭޝަނަށް އޭނާ ޚިދުމަތްކުރައްވާތާ މިހާރު 10 އަހަރު ވެއްޖެ އެވެ. އެސޯސިއޭޝަންގެ ކުރިން ވެސް އޭނާ އަކީ އެ އިންޑަސްޓްރީގައި ހަރަކާތްތެރިވި ބެފުޅެކެވެ.

އަމިއްލަ ތިން ސަފާރީ އޮންނަ އިރު ފާއިތުވި އަހަރުތަކުގައި އޭނާ އަކީ ވަރަށް ހިންގުންތެރި، އަދި ހަރަކާތްތެރި މެމްބަރެކެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު ލޭމްއަށް އާ ރައީސަކު އިންތިޚާބު ކުރާއިރު މިހާތަނަށް އެ އެސޯސިއޭޝަނަށް ފަސް ރައީސަކު އިންތިޚާބުކޮށްފައިވެ އެވެ.

އެންމެ ފުރަތަމަ އެ އެސޯސިއޭޝަންގެ ރައީސަކަށް އިންތިޚާބު ކުރީ ވޮޔޭޖެސް މޯލްޑިވްސްގެ ފަރާތުން ސަލާހް ޝިހާބެވެ. އެއަށް ފަހު 2009 ވަނަ އަހަރު ވިސްޓަ ކޯ އެންޑް ޓްރެވެކް ސާވިސްގެ ފަރާތުން ރައީސް ކަމަށް ވަޑައިގެންނެވީ މޫސާ ރަޝީދެވެ.

ދެހާސް އެގާރަ ވަނަ އަހަރު ލޭމްގެ ރައީސް ކަމަށް ބްލޫ ހޮރައިޒަންގެ ފަރާތުން އަހުމަދު ޒުބައިރު އާދަމް ވަޑައިގެންނެވި އިރު 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަކަށް ރައީސް ކަން ކުރެއްވީ ހައިރައިޒް އަދި ފްލޯޑިން އޭޝިއާގެ ފައުންޑާ، އިސްމާއިލް ހަމީދެވެ.

ފާއިތުވި ދައުރު އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ހަސަން ހަލީމް (ހެންޑީ ހަސަން) އެވެ.

ކުރިއަށް އޮތް ދެ އަހަރަށް އިންތިޚާބު ކުރި އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދައުރުގައިވެސް އިންތިޚާބުކޮށްފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އިގްނާޒް އަލީ އެވެ. ޚަޒާންދާރަކަށް އިންތިޚާބު ކުރީ ކެނޯޕަސް މޯލްޑިވްސްގެ ފަރާތުން އަހުމަދު އަފްރާހެވެ.

ލޭމްގައި ރަޖިސްޓްރީވެފައިވާ 150 އަށް ވުރެ ގިނަ މެމްބަރުން ތިބޭ އިރު އެ އެސޯސިއޭޝަން ވެފައި ވަނީ ދިވެހި ފަތުރުވެރިކަމުގެ ނާރެހަށެވެ.