ރަމަޟާން މަސް ނިމުނުކަމުގައި ވިޔަސް ހެޔޮއަމަލުތައް ކުރުމާ ދުރަށް ނުދިއުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

ރަމަޟާން މަހަކީ ހެޔޮ ކަމުގެ މޫސުށްވާތީ، އެ މަހުގައި ޞާލިހު އަމަލު ކުރުމަށް ޝައުގުވެރިކަން ބޮޑުވާނެ ކަމަށާއި، އެހެން ނަމަވެސް އެ މަސް ނިމުމުން ހެޔޮ އަމަލު ކުރުން މުޅިން ހުއްޓާލައިގެން ނުވާނެ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފަ އެވެ.

މުއުމިނުންގެ ސިފައަކީ ހެޔޮ އަމަލު ކުރުން މަތީގައި ދެމިތިބިން ކަމަށާއި، ކީރިތި ރަސޫލާ ވެސް އިރުޝާދު ދެއްވާފައިވަނީ ރަނގަޅު އަމަލެއް ކުރެވިއްޖެ ނަމަ އެކަން ކުރުން މަތީގައި ދެމިހުރުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ، "ﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަމަލަކީ، އޭގެ މިންވަރު ކިތަންމެ ކުޑަ ވިޔަސް، ދާއިމީކޮށް ކުރެވޭ އަމަލެވެ."

މިއަދުގެ ޚުތުބާގައި ރަމަޟާން މަހުގައި ރޯދަ ހިފައި ރޭ އަޅުކަންކޮށް ހެޔޮ އަމަލުތައް ކޮށްފައިވީ ނަމަވެސް އެކަންތަކާ ބޮޑާވެ ނުގަތުމަށް ގޮވާލެއްވި އެވެ. އޭގެ ބަދަލުގައި ކުރި ހެޔޮ އަމަލުތައް ގަބޫލު ކުރައްވާތޯ މާތް ﷲ އަށް ދުއާ ކުރުމަށް ގޮވާލެއްވި އެވެ.

ކުރެވުނު ހެޔޮ އަމަލަކަށް ބޮޑާވުމަށްވުރެ، އެކަމެއް ކުރެވުނީތީ ހިތާމަ ކުރާ ނުރަނގަޅު ކަމެއްގެ ހެޔޮކަން މާ ރަނގަޅުވާނެ ކަމަށް މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަލީގެފާނު ވިދާޅުވި ކަމަށް މިއަދުގެ ޚުތުބާގައި ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ޚުތުބާގައިވަނީ، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މާތް ކަމަށްވެސް އަލި އަޅުއްވާލާފަ އެވެ.

އެގޮތުން ޝައްވާލު މަހުގެ ހަ ރޯދަ ހިފުން އެންމެ ރަނގަޅުގޮތަކީ ވަޅުއީދު ދުވަހުން ފަށައިގެން ގޮސް ހަ ދުވަހު ރޯދަ ހިފުން ކަމަށް ޚުތުބާގައި ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް ޝައްވާލުމަހުގެ ކޮންމެވެސް ހަ ދުވަހެއްގައި ރޯދަހިފުމުންވެސް އެ ސުންނަތް ހާސިލްވާނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ޚުތުބާގައި ބުންޏެވެ.

ރަމަޟާން މަސް ހެޔޮ އަމަލުތައް ކުރުމަށް މަގުފަހިކޮށްދީ، މުޅި އަހަރުގައި ބޭނުން ކުރެވޭނެ ހަކަތަ އުފައްދައިދީފައިވާއިރު، އެ ހަކަތައިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޚުތުބާގައި ގޮވާލި އެވެ.