ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޖަށްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން މަދު ނުކުރެވިއްޖެނަމަ މުސްތަގްބަލުގައި ދުނިޔޭގެ ފިނިހޫނުމިން ބަދަލުވެ ނުރައްކާތެރި ކަންތައްތަކެއް ދިމާވެދާނެ ކަމުގެ އިންޒާރެއް ތަޖުރިބާކާރުން ދީފިއެވެ.

ފަސްދޮޅަހަށް ވުރެ ގިނަ ސައިންޓިސްޓުން ސޮއިކޮށް މަޝްހޫރު ޖާނަލް، "ނޭޗާރ"ގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ މުޅި އެކޯސިސްޓަމް ނުވަތަ މާހައުލީ ނިޒާމް ފުޑުފުޑުވާން ފަށާފައިވާއިރު، އާކްޓިކުގެ ގަނޑުފެންގަނޑުތައް ވިރި، ހޫނު ގަދަވުމުގެ ސަބަބުން މުރަކަ ފަރުތައް ދަނީ މަރުވަމުންނެވެ.

"ހޫނު ގަދަވެ، ވާރޭނުވެހި ފެނަށް ޖެހުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އިޖްތިމާއީ ގޮންޖެހުންތަކަކީ އެކަމުގެ ސަބަބުން ރައްކާތެރިނުވެވޭނެ ކަންތައްތަކެއް. އަދި އެކަމުގެ އަސަރު އެންމެ ފުރަތަމަ ކުރާނީ ފަގީރު އަދި ނިކަމެތިންނަށް،" އެ ލިޔުމުގައި ބުނެފައިވެެއެވެ.

އެހެންކަމުން "ފިލަން ވެގެން ވެލިގަނޑު ދަށަށް ބޯ ކޮށްޕައިގެން" ނުތިބެ ސައިޓިފިކް ހެކިތަކަށް ބަލައިގެން އަމަލު ކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އެ ލިޔުމުގައި ގޮވާލާފައިވެއެވެ.

އޭގެ އިތުރުން މިހާރު ދުނިޔޭގެ ގައުމުތަކުން ޖަށްވަށް ދޫކުރާ ކާބަންގެ މިންވަރުގެ ކޮންޓްރޯލް ނުކުރެވި ދާނަމަ، ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން 1.5 އާއި 2 ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް އެކުލަވާލި ޕެރިސް އެގްރިމެންޓްގެ އަމާޒު ފަހަނަ އަޅާ ގޮސްދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދުނިޔެއަށް ދޫކުރާ ގޭހުގެ މިންވަރު އިތުރު ވަމުންދިޔަ ނަމަވެސް، މީގެ އަހަރުތަކެއް ކުރިން އެ މިންވަރު ހުރީ ހިފެހެއްޓިފައެވެ.

ނަމަވެސް ޕެރިސް އެގްރިމެންޓް އެކުލަވާލުމުގައި މުހިއްމު ރޯލެއް އަދާ ކުރި އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގެ އެގްޒެކެޓިވް ސެކްރެޓަރީ ކްރިސްޓިއާނާ ފިގޭރަޒް އިސްވެ ހުރެ އުފައްދާފައިވާ ތަޖުރިބާ ކާރުންގެ ޓީމުން ބުނާގޮތުން، އެންމެ ލަސްވެގެން 2020 އަށް ޖަށްވަށް ދޫކުރާ ގޭހުގެ މިންވަރު ދަށް ވާންޖެހެއެވެ.