01 Jul 2017, 09:14
ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ރަންބީރު ކަޕޫރަކީ އެންމެ ގާތް އެކުވެރިޔާ ކަމަށް، ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.
ދެމީހުން ވަކިވުމަށް ފަހު، ގިނަ ދުވަސްތަކެއް ވަންދެން އެކަކު އަނެކަކާ ވާހަކަ ދައްކަން ދެކޮޅު ހެދި ނަމަވެސް، މިހާރު މައްސަލަ ހައްލުވަމުން އަންނަ ކަމަށް ބެލެވެއެވެ.
ދެމީހުންގެ ކުރިއަށް އޮތް ފިލްމު، 'ޖައްގާ ޖާސޫސް'ގެ ޕްރޮމޯޝަން ތަކުގައި ދެމީހުން އަންނަނީ ބައިވެރިވަމުންނެވެ. ނަމަވެސް ޕްރޮމޯޝަން ތަކުގައި ދެމީހުން ވަރަށް ގިނައިން ދެބަސްވެއެވެ. އަދި ކެޓްރީނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ.
އެހެންކަމުން ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ރަންބީރަށް ފާޑުކިޔަން ފަށައިފައެވެ.
ކެޓްރީނާ ބުނީ ދެމީހުންގެ ވާހަކަތައް މީޑިއާއިން ރިޕޯޓު ކުރަނީ ގޯސްކޮށް ކަމަށާއި، ދެބަސްވަނީ ގާތް އެކުވެރިން ދެބަސްވާ ގޮތަށް ކަމަށެވެ.
"ރަންބީރަކީ އަހަރެންގެ ބެސްޓްފްރެންޑް" ކެޓްރީނާ ބުންޏެވެ.
ހަ ވަރަކަށް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކެޓްރީނާ އާއި ރަންބީރު ވަކިވީ މީގެ ދެ އަހަރު ކުރިންނެވެ. ދެމީހުން ވަކިވީ 'ޖައްގާ ޖާސޫސް'ގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. ފިލްމު ރިލީޒް ކުރުން ލަސްވި ސަބަބަކަށް ދެމީހުންގެ ގުޅުން ނިމުމަކަށް އައުން ހިމެނެއެވެ.
ޖުލައި މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'ޖައްގާ ޖާސޫސް' އަކީ ރަންބީރު އާއި ކެޓްރީނާ އެކުގައި ފެނިގެންދާ ހަތަރު ވަނަ ފިލްމެވެ. ރަންބީރު އަދި ކެޓްރީނާ ވަނީ މީގެ ކުރިން 'އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ'، 'ރާޖުނީތީ'، އަދި 'ބޮމްބޭ ޓޯކީސް' ގައި މަސައްކަތް ކޮށްފައެވެ.