ކަބީރު ޚާން ޑައިރެކްޓުކޮށް، ސަލްމާން ޚާން ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ޓިއުބްލައިޓް' އަށް 100 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ފިލްމަށް އުންމީދު ކުރި ވަރުގެ ތަރުހީބެއް ލިބެމުން ނުދާ އިރު، ފިލްމު ބަލަން ދާ މީހުންގެ އަދަދު ވެސް އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ފިލްމަށް 100 ކުރޯރު ލިބުނީ ބުދަ ދުވަހު ފިލްމަށް ލިބުނު 10 ކުރޯރު އާއެކު އެވެ. މިހާރު ފިލްމަށް ޖުމްލަ 105.86 ކުރޯރު ވަނީ ލިބިފަ އެވެ.

'ޓިއުބްލައިޓް' އަކީ ޖެހިޖެހިގެން 100 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ސަލްމާންގެ 11 ވަނަ ފިލްމެވެ. 2010 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ދަބަންގް' އިން ފެށިގެން ސަލްމާންގެ ކޮންމެ ފިލްމަކަށް ވެސް 100 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބެ އެވެ.

އެ ފިލްމުތަކަކީ، ސުލްތާން، ޕްރޭމް ރަތަން ދަން ޕަޔޯ، ބަޖްރަންގީ ބާއިޖާން، ކިކް، ޖޭ ހޯ، އެކް ތާ ޓައިގަރ، ދަބަންގް 2، ބޮޑީގާޑް، ރެޑީ އަދި ދަބަންގް އެވެ.

'ޖޭ ހޯ' ފިޔަވައި ލިސްޓުގައި ހިމެނޭ އެހެން ހުރިހާ ފިލްމަކުން ވެސް ވަނީ 150 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ. ހިސާބުތައް ދައްކާގޮތުން، 'ޓިއުބްލައިޓް' އަކީ ފާއިތުވި ހަތް އަހަރު ތެރޭގައި ވެސް 150 ކުރޯރުގެ އާމްދަނީއެއް ނުލިބޭނެ ސަލްމާންގެ ދެވަނަ ފިލްމެވެ.

ސަލްމާންގެ އިތުރުން 'ޓިއުބްލައިޓް' އަކީ ޑައިރެކްޓަރު ކަބީރު ޚާންގެ ފަރާތުން ވެސް ފަހަކަށް އައިސް ފެނިގެން ދިޔަ އެންމެ ދަށް އުފެއްދުމެވެ. ކަބީރު އާއި ސަލްމާންގެ ކުރީގެ ދެ ފިލްމު ކަމުގައިވާ 'ބަޖްރަންގީ ބާއިޖާން' އަދި 'އެކް ތާ ޓައިގަރ' އަކީ ވެސް ސުޕަހިޓް ދެ ފިލްމެވެ.

ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދަނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ. ޒޫ ޒޫގެ އެކްޓިންގ އަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ. އެ ފިލްމުގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނެއެވެ.