އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެޕާޓީގެ ގޮފިތައް އެކުލަވާލުމުގެ ގޮތުން ގޮފިތައް އަލުން އިންތިހާބް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ގޮތްޕެއް އުފެއްދޭނެ އެންމެ މަދު އަދަދަކީ 50 މެންބަރުންނެވެ. އަދި ގޮފީގެ ހިންގާ ކޮމިޓީގައި އެކުލެވޭނީ ގޮފީގެ ރައީސް އާއި ނައިބު ރައީސް އެވެ.

އެމްޑީޕީގެ އިސް ތަރުޖަމާނު ފާތުމަތު ޝަހީދާ މިއަދު ވިދާޅުވީ ގޮފިތައް އަލުން އިންތިހާބް ކުރުމަށް ހަމަޖެއްސީ އެކިއެކި ސަބަބުތަކާހުރެ އަސާސީ ގަވާއިދާ ހިލާފަށް ހުންނަ ގޮފިތައް ތަރުތީބު ކުރުމަށް ކަމަށެވެ. އެގޮތުން އެފަދަ މައްސަލަތައް ހުރި ހުރިހާ ގޮތްޕަކުން ވެސް އަލުން އިންތިހާބް ބާއްވާން އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ގޮފިތައް އަލުން އިންތިހާބް ކުރިނަމަވެސް ގޮފިތައް އުވާލާކަށް ނުޖެހޭނެ، ގޮފިތައް ތަރުތީބު ކުރަންޖެހެނީ 50 މެންބަރުން ހިމެނޭ ގޮތްޕަކުން މެންބަރަކު ކެނޑުމުން ނުވަތަ ރައީސަކު ނެތި ނައިބަކު ހުންނަ ގޮފިތަކުގެ ޝައްހަކަން ގެއްލިފައިވާތީ،" ޝަހީދާ ވިދާޅުވި އެވެ.

އަތޮޅުތަކުގެ ރަށްރަށާއި މާލޭގައި އުފައްދާފައިވާ އެމްޑީޕީގެ ގޮފިތައް ސައްޙަކުރުމުގެ މަސައްކަތް ނިމުމުން އެޕާޓީގެ ގޮފިތަކުގެ ޖުމްލަ އަދަދު ހާމަކުރާނެ ކަމަށް ވެސް ޝަހީދާ ވިދާޅުވި އެވެ.

އެމްޑީޕީން ނެރެފައިވާ އިއުލާނެއްގައި ބުނަނީ އެޕާޓީގެ ގޮފިތަކުގެ އިންތިޚާބު އަލުން ބާއްވައި، އެރަށެއްގައި ގާއިމްކުރެވިފައިވާ އެމްޑީޕީގެ އިދާރީ އޮފީސް މެދުވެރިކޮށް އަންނަ މަހުގެ ނިޔަލަށް އެމްޑީޕީގެ އޮފީހަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ.