ޕާކެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ސަލްޓަންޕާކް ކޮނުމުގެ ތެރެއިން 181 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާ ފޮތިތަކެއް ފެނިއްޖެއެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެފައިސާ ފޮތިތައް ފެނިފައިވަނީ ރޯދަ މަހުގެ ފަހު ހަފްތާގެ ތެރޭގައި ސިފައިން ސަލްޓަންޕާކު ޕާކް ކޮނުމުގެ ތެރޭގައި ކަމަށެވެ.

"ސިފައިން ވަޅެއް ކޮނުނުއިރު ވެލިގަނޑު ތެރޭގައި ވަޅުލާފައި ހުރީ، ހެރިޓޭޖްއަށް އެކަން އެންގުމުން ވެލި ފުރާނައި ގިނަ އަދަދެއްގެ ފައިސާ ފޮތިތަކެއް ފެނުނު، ސީދާ އަދަދު ދަންނަވާލަން ދަތި،" ހަސަން ވިދާޅުވިއެވެ.

ސަލްޓަން ޕާކު ތަރައްގީކޮށް ނިމުމުން އެތަން ހުންނާނެ ގޮތުގެ ކުރެހުމެއް--

ހަސަން ވިދާޅުވިގޮތުގައި އެފައިސާ ފޮތިތަކަކީ "އީސްޓް އިންޑިއާ ކޮމްޕެނީ" ގެ ފައިސާ ފޮތިތަކެއް ކަމަށެވެ. ހަސަން ވިދާޅުވިގޮތުގައި އެފައިސާ ފޮތިތަކަކީ 1835 ވަނަ އަހަރުގެ ފައިސާ ފޮތިތަކެއްކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ހުރިހާ ފައިސާއެއް ނުބެލޭ އަދި، ސުޓަޑީ ހަދަމުން ދަނީ، އެފައިސާ ފޮތިތައް ވަނީ މިހާރު މިބޭނުންކުރާ އެއް ރުފިޔާ ވަރު،" ހަސަން ވިދާޅުވިއެވެ.

މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭގޮތުގައި އެއީ ބްރިޓިސް ކްލޮނީސް ދުވަސްވަރު ރާއްޖެއިން އިނގިރޭސީންނަށް ޖިޒީ ދައްކަން ޖެހުނު ޒަމާނުގައި ބޭނުންކުރި ފައިސާ ފޮތިތަކެއް ކަމަށްވެއެވެ.

ތާރީހު ދިރާސާ ކުރައްވާ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވިގޮތުގައި އެޒަމާނުގައި ދިވެހިން ގެންގުޅުނީ ބޭރު ގައުމުތަކުގެ ފައިސާއަށްވެފައި އެކި ބޭނުންތަކަށް ފައިސާ ފޮރުވާފައި ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

އެފައިސާތައް ހެރިޓޭޖް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ދިރާސާ ކުރަމުން އަންނަ ކަމަށާއި ފައިސާ ފޮތިތައް ދާރުލްއާސާރަށް ލާނީތޯ ނުވަތަ ރައްކާކުރާނީތޯ އަދި ވަކިގޮތެއް ނުނިންމާކަމަށް ހަސަން ވިދާޅުވިއެވެ.