17 Jul 2011, 13:05
މާލޭ ހުޅަނގު ދެކުނު ހާބަރުގެ ދެ ފިހާރައަކާއި ސަޔާއި ކާއެއްޗެހި ވިއްކާ ތިން ކަޑައެއްގައި ރޭ އަލިފާންރޯވެ އަނދައި ހުލިވި ހާދިސާގައި މިލިޔަނުން ގުނާލެވޭ ގެއްލުންތައް ލިބިފައިވާ ކަމަށް އެތަންތަނުގެ ވެރިން ބުނެފި އެވެ.
ރޭ މެންދަމު 2:50 އެހާކަންހާއިރު ފުރަތަމަ އަލިފާން ރޯވީ ހާބަރުގެ އަމީނީ މަގާވީ ފަޅީ، ކަޑަތަކުގެ ތެރޭގައި ހުންނަ "ބާވީސް ނަމްބަރު" ފިހާރައިގަ އެވެ. އޭގެ ފަހުން ޖެހިގެން އިރަށް ހުރި 23 ނަމްބަރު ފިހާރަ، "އޭޑަބްލިޔޫ ޓްރޭޑާސް" އާއި ހުޅަނގަށް ހުރި "އައްޑާ" އާއި "ތާޒާ މޭވާ" އާއި "ނަވާރަ ނަމްބަރު"ގައި ރޯވެ ވަނީ އަނދައިގެން ގޮސްފަ އެވެ.
ފުރަތަމަ އަލިފާން ރޯވި، އަދި މުޅިން އެއްކޮށް އަނދައިގެން ގޮސްފައިވާ "ބާސްވީސް ނަމްބަރު" ފިހާރައިގެ ވެރިޔާ، އިބުރާހިމް މޫސާ މިއަދު ވިދާޅުވީ އޭނާގެ ހޯސޭލް ފިހާރަ މުދަލާއެކު އަނދާ ހުލިވީ ރޯދަމަހަށް ތައްޔާރުވެ ރޯދައަށް ބޭނުންވާނެ ހުރިހާ މުދަލެއް ފިހާރައަށް ޖަމާކޮށް ތައްޔާރުކޮށްފައި ވަނިކޮށް ކަމަށެވެ. އަދި ވިދާޅުވީ ލިބުނު ގެއްލުން ތިން މިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށެވެ.
"މުދަލަށް އެކަނިވެސް ދެ މިލިޔަން އަރާނެ. އަދި ތަނަށް ލިބުނު ގެއްލުމާއި އަނދައިގެން ދިޔަ ހަތް ޑީފްރީޒަރާއި އެނޫން ސަމާނާއެކު ތިން މިލިއަނަށް ވުރެ ބޮޑު މާލީ ގެއްލުމެއްއ މި ލިބުނީ. ފެނިވަޑައިގަންނަވާނެ. ފަކީރާ އާ އުދަލި ޖަހައިގެން މުދާތައް ނަގައި އުކައިލަން ލޯރިތަކަށް އަރުވަމުން އެދަނީ،" ދެއްޔަށް ވެފައި ހުރި މުދާތައް ފަކީރާ ޖަހައިގެން އޭނާގެ މުވައްޒަފުން ނަގަމުންދިޔަ މަންޒަރު އިބްރާހިމް މޫސާ ދައްކާލި އެވެ. "އަޅުގަނޑުގެ ފިހާރައިގައި ފުރަޔަމަ ރޯވީ. އަޅުގަނޑު ގޭގައި އޮއްވާ 3:00 ޖެހިއިރު ހަބަރު ލިބުނީ ރޯވި ކަމަށް އޭގެ ފަހުން އެހެން ތަންތަނަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ،"
ޖެހިގެން ހުންނަ އޭޑަބްލިޔު ޓްރޭޑާސް އަކީ ވެސް މުދާ އެތެރެކޮށް ހޯސޭލް ކުރާ ފިހާރައެކެވެ. އެ ފިހާރައިގެ ވެރިޔާ، މާލޭ ދަފުތަރު، އަބްދުލް ވާހިދު ވިދާޅުވީ ރޭގެ އަލިފާނުގައި އޭނާގެ ފިހާރަ އަނދައި އަޅިޔަށް ވެގެން ދިޔައީ އޭނަގެ ދެ ފިހާރައަށް ބޭނުންވާ މުދަލުގެ ޝިޕްމެންޓެއް ގެނެސް ކަސްޓްމްސް އިން ނެރެ، މުދާ ޖެހިތާ 24 ގަޑިއިރު ނުވަނީސް ކަމަށެވެ.
"އަޅުގަނޑުގެ މި ފިހާރައިގައި ގާތްގަނޑަކަށް ފަސްލައްކަ ރުފިޔާގެ މުދާ ހުންނާނެ. ތަނަށާއި ތަކެއްޗާއި ވިޔަފާރި މުދާ ވެސް ވަނީ އެއްކޮށް އަނދާފައި. ލިބުނު ޖުމްލަ ގެއްލުން ހަ ލައްކައާ ގާތްކުރާނެ،" ވާހިދު ވިދާޅުވި އެވެ. ވާހިދު ވިދާޅުވި ގޮތުންނަމަ އޭނާގެ ފިހާރައިގެ މައިގަނޑު މުދަލަކަށް ހުރީ ރޯދަމަހަށް ބޭނުންވާނެ ބިހާއި ފިޔަ އާއި އަލުއްވާއި އެބާވަތުގެ އެހެން ވެސް މުދަލެވެ.
އާ ހާބަރުގައި ރޭ މެންދަމު ރޯވި ހުޅުގަނޑުގައި ދެން ގެއްލުން ގެއްލުންތައް ލިބިފައި ވަނީ "އައްޑާ" ކަޑަ އަށާއި "ތާޒާ މޭވާ" އާއި "ނަވާރަ ނަމްބަރު" ކަޑައެވެ. މީގެ އިތުރުން އަލިފާނުގެ ގަދަ ހޫނާއި އޮލަވި ދުންގަނޑު ވަދެ ކަރަންޓް ކެނޑި މުޅިތަނުގެ ތެރޭގައި ގެނދަބުޅި ހިފުމުގެ ސަބަބުން 'ފުޑް ހަޓް" އާއި އިތުރު ބައެއް ކަޑަތަކުގެ ހިދުމަތް ވަނީ އެއްކޮށް ހުއްޓިފައެވެ.
ރޯވެ ބޮޑުބައެއް އެނދި ކަޑަތަކުން ބުނަނީ ގާތްގަނޑަކަށް ލައްކަ އާއި ދެލައްކަ ރުފިިޔާއާ ދެމެދުގެ ގެއްލުންވެފައިވާ ކަމަށެވެ. ދުން ވަދެ ގެނދަބުޅި ހިފުމުގެ ސަބަބުން ހިދުމަތް ހުއްޓައިލަން ޖެހުނު ފަރާތްތަކުން ބުނީ އަލިފާނުން މާލީ ބޮޑު ގެއްލުމެއް ނުލިބުނަސް ހިދުމަތް ދެ ދުވަހަށް ހުއްޓައިލަން ޖެހިފައިވާ ކަމަށާއި އެއީ ކުޑަ ގެއްލުމަކަށް ނުވާނެ ކަމަށެވެ.
"އަސްލު ވަރަށް ކަޑަވެފަ މިތިބީ. ދެން ހިދުމަތް ދެވޭނީ، އެއް ދުވަސް ނޫނީ ދެދުވަސް ފަހުން،" ކަޑައެއްގެ ސޭޓަކު ބުންޏެވެ.
ސަންގެ ނޫސްވެރިން މިއަދު ހެނދުނު އާ ހާބަރަށް ދިޔައިރު އަލިފާން ރޯވި ހުރިހާ ތަނެއް ސާފުކޮށް ކުނި އުކައިލުމުގެ މަސައްކަތް ހިނގަމުން ދެއެވެެ. އެނދުމުގެ ސަބަބުން މުޅި ސަރަހައްދަށް ފެތުރިފައިވާ ވަހާއެކު އެ ސަރަހައްދުގައި ސައި ވިއްކާ އެހެން ތަންތަނުން ހިދުމަތް ހޯދަން ވަން މީހުން ވަނީ ވަރަށް މަދުވެފަ އެވެ.
ރޭގެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ގައުމީ ދިފާއީ ބާރުން އަދި ހާމައެއް ނުުކުރެެވެ. ނަމަވެސް ރޭ މެންދަމު އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނަނީ އަލިފާން ރޯވީ "ބާވީސް ނަމްބަރު" ފިހާރައިގެ ކަރަންޓް ބޯޑު ގޮވައި ހުޅުފަޅައިގެން ދިއުމާއެކު ކަމަށެވެ.
"ފުރަތަމަ ބާރު އަޑެއް އިވުނީ ދެން ހަމަ އަލިފާނގަނޑު ހުޅު ފަޅައިގެން ގޮސް ފެތުރިގަތީ،" ރޭ އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
އަލިފާން ފުރަތަމަ ރޯވި ފިހާރައިގެ ވެރިޔާ ވިދާޅުވީ އަލިފާން ރޯވީކަން ނުވަތަ ރޯކޮށްލީކަން ބުނަން ދަތި ކަމަށާއި އެކަން އެނގޭނީ ތަހުގީގު ކުރުމުން ކަމަށެވެ. އަލިފާން ރޯވުމާއެކު ސިފައިންގެ އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވެ ފަތިހު 4:00 ޖަހައި ބޮޑުވި ފަހުން ވަނީ އަލިފާން ކޮންޓްރޯލުކޮށް މުޅިން ނިއްވާލައިފަ އެވެ. މިއީ އާހަބަރުގެ ކަޑަތަކުގައި އަލިފާން ރޯވެ ގެއްލުން ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރި އެ ސަރަހައްދުގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގި އެވެ. އެއީ ތެޔޮ ބަރު ކުރަމުން ދިޔަ ދޯނިތަކެއްގައި ރޯވުމާއި ކުރި އެ ސަރަހައްދުގައި ހުރި ނީލަން ފިހާތަކުގައި ރޯވި ހާދިސާ އެވެ. އޭގެ ތެރެއިން ދޯނިތަކުގައި ރޯވި ހާދިސާގައި ބައެއް މީހުން ފިހި ބޮޑެި ގެއްލުން ލިބުނެވެ.