29 Jun 2017, 13:08
ރާއްޖެ އެތެރެކޮށް، ވިއްކަމުންދާ ކުކުޅު ބިހުގެ ތެރޭގައި އާޓްފިޝަލް ކުކުޅު ބިސް ހުރިކަން ފާހަގަވެފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާ ހަވާލާދީ އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާޓިފިޝަލް ކުކުޅު ބިސް ރާއްޖެ އެތެރެކޮށްފައި ހުރިކަން ފާހަގަކުރެވިފައިނުވާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނިކޮށް، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ އާއި ޚަބަރު ފަތުރާ އެހެނިހެން ވަސީލަތްތަކުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ހަގީގަތް އޮޅޭ ގޮތަށް ހަބަރު ނުފެތުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މިނިސްޓްރީން ބުނީ އެއްވެސް ފަރާތަކަށް ކުކުޅު ބިހާ މެދު ޝައްކު އުފެދޭ ނަމަ އެކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްގެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.
މިނިސްޓްރީން އެހެން ބުނެފައިވާއިރު މި ފަހަކަށް އައިސް ވަނީ ބޭރުން އެތެރެކުރާ ކުޅުޅު ބިހުގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ބުނެ ސޯސަލް މީޑިއާގައި ފޮޓޯތަކާ އެކު ޝާއިއިކުރަމުންނެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސައިންޓިފިކް އޮފިސާ އާސިފާ ލުތުފީ "ސަން"އަށް ވިދާޅުވީ، ރާއްޖޭގައި ވިއްކަމުންދާ ބިހުގައި މައްސަލަތަކެއް ނޫޅޭ ކަމަށާއި ބިހުގެ ވަހާއި ކުލައަށް ބަދަލު އައިސްފައި ވަނީ ފިނިހޫނުމިން ހިފެހެއްޓުމަށް ގުދަން ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށް ބެލެވޭ ކަމަށެވެ.
"ފުރޯޒެންކޮށް ގެނެސް، ޓެމްޕަރޭޗާއަށް ގުދަން ނުކުރުމުން ވީ ގޮތެއް ކަމަށް ލަފާ ކުރެވެނީ. އިތުރު މައްސަލަތަކެއް ފާހަގަ ނުކުރެވޭ،" އާސިފާ ވިދާޅުވި އެވެ.
ނަމަވެސް ޝަކުވާތައް ލިބިފައިވާތީ ބިހުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.