29 Jun 2017, 03:09
ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ.
މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ޔޫވީގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ތާވަލުގެ އެއްވަނާގައި މާޒިޔާ އޮތީ ކުޅުނު ދިހަ މެޗުން ހޯދި 24 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނާގައި އޮތް ނިއު ރޭޑިއަންޓަށް 21 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ކުޅުނު މެޗުން ބަލިވި ޔޫވީ އޮތީ ކުޅުނު ދިހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތްވަނާގައެވެ.
މިރޭ ކުޅުނު މެޗުގެ ކުރީކޮޅު މާޒިޔާއިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ބޮލުން ފޮނުވާލި ހަމަލާއަކުން މާޒިޔާއަށް އެލެކްސެންޑާ ރަކިޗް ލީޑު ހޯދައިދިންއިރު، އޭގެ ދެ މިނެޓް ފަހުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުން މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ އަސްހަދު އަލީ (އަޑުބަރޭ)އެވެ.
މާޒިޔާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ޔޫވީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަންދްރޭ އެލެކްސެންޑްރޫ ކޯޑޯސްއެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް މާޒިޔާއިން ވަރުގަދަ ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ދެވަނަ ހާފުގައި މާޒިޔާގެ ރަކިޗްއާއި އަސައްކޮއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ.
މާލޭ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާއެވެ. އަދި ހޯމަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ޓީސީ ސްޕޯޓްސް ކްލަބެވެ.