17 Jul 2011, 12:19
ފިހާރަތައް އިންސްޕެކްޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން، ގަވާއިދާ ހިލާފުވެގެން ފަސް ފިހާރައެއް މަހެއްހާ ދުވަހުގެ ތެރޭގައި ޖޫރިމަނާކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.
މިދިޔަ ޖޫން މަހު 09 އިން ޖުލައި މަހުގެ 10 އާ ހަމައަށް ބެލި ތަންތަނުގެ ތެރެއިން ފަސް ތަނެއް ޖޫރިމަނާ ކޮށްފައި ވަނީ، އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގަވާއިދާ ހިލާފުވެގެން ކަމަށެވެ.
އޭގެ ތެރޭގައި ޕެކްކޮށްގެން ވިއްކާ ކާބޯތަކެތީގެ ލޭބަލްގައި ހިމަނަން ޖެހޭ، މުއްދަތު ހަމަވާ ތާރީހާއި އެ އެއްޗެއްގައި ހިމެނޭ ބައިތައް ނެތުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ޖޫރިމަނާ ކޮށްފައިވާ އެއްވެސް ތަނެއްގެ ނަމެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.
އެ މިނިސްޓްރީން ކުރިއަށް ގެންދާ އެ އިންސްޕެކްޝަންގައި މިހާތަނަށް 26 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަންތަނުގެ ތެރޭގައި ހިމެނެނީ ބޮޑެތި ސުޕާމާކެޓް ފަދަ ތަންތަނާއި އާންމުކޮށް މީހުން މުދާގަންނަން އެންމެ ގިނައިން ވަދެއުޅޭ ބައެއް ތަންތަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޓްރޭޑް ފެއާ ކޮންސަލްޓަންޓް އައިސަތު ޝަހުމާ މިއަދު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އެމިނިސްޓްރީން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގަވާއިދާ ހިލާފްވެފައިވާ ފިހާރަތައް ފުރަތަމަ ފަހަރަށް ޖޫރިމަނާކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް ހުންނަ ކޮންމެ އައިޓަމެއް 500ރ. އިން ކަމަށެވެ. އަދި ހަތް ދުވަހުގެ ތެރޭގައި އެމިނިސްޓްރީން ދެ ވަނަ ފަހަރަށް ޗެކްކުރި އިރު ގިނަ ފިހާރަތަކުން އެކަންތައްތައް ރަނގަޅުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޖޫރިމަނާ ކުރީ ކިތައް އައިޓަމް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
"ޖުރިމަނާ ކުރާ އުސޫލަކީ ފުރަތަމަ ފަހަރަށް ގަވާއިދާ ހިލާފަށް ހުންނަ އައިޓަކުން 500ރ. ދެވަނަ ފަހަރު ޗެކްކުރާއިރު ރަނގަޅު ނުކުރާނަމަ 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ،" ޝަހުމާ ވިދާޅުވި އެވެ.
ޖޫރިމަނާ ކުރި ފިހާރަތަކުގެ ތެރޭގައި އާއްމުކޮށް ހުރި މައްސަލަތަކަކީ ޕެކެޓްކޮށްގެން ވިއްކާ ކާބޯތަކެތީގެ ބޭރުގައި ލޭބަލްގައި ހިމަނަން ޖެހޭ މައުލޫމާތުގެ ތެރެއިން އެ އެއްޗެއްގައި ހިމެނޭ ބައިތައް ހިމަނާފައިނުވުމާއި ޕެކެޓްކޮށްގެން ވިއްކާ ތަކެތީގެ ލޭބަލްގައި ހިމަނަން ޖެހޭ މުއްދަތު ހަމަވާ ތާރީހާއި ބޭނުންކުރަން ޖެހޭ މުއްދަތު ނެތުމާއި ވިއްކަން ބަހައްޓާފައި ހުންނަ އެއްޗެހީގައި އަގުޖަހާފައި ނުހުރުމާއި ބަންދުކޮށްގެން ވިއްކާ ކާބޯތަކެތީގެ ބޭރުގައި ލޭބަލްގައި ހިމަނަން ޖެހޭ މައުލޫމާތުތައް ފުރިހަމަވާ ގޮތަށް ދިވެހިން ނުވަތަ އިނގިރޭސި ބަހުން ފަސޭހައިން ކިޔަން އިނގޭގޮތަށް ލިޔެފައި ނެތުމާއި މިނެކިރާ ތަކެތީގައި ސީލް ޖަހާފައި ނުތުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ކާބޯތަކެތި ވިއްކާ ފިހާރަތައް ޗެކްކުމާއި އަދި ގަވާއިދާ ހިލާފަށް ހުންނަތަންތަން ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަނީ އެ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު މި މަހު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.