ރާއްޖޭގައި ވިއްކަމުންދާ ބިސްތަކުގައި މައްސަލަތަކެއް ނޫޅޭ ކަމަށާއި ބިހުގެ ވަހާއި ކުލައަށް ބަދަލު އައިސްފައި ވަނީ ފިނިހޫނުމިނުގެ މައްސަލައަކުން ކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފި އެވެ.

‎ޕްލާސްޓިކް ބިސް ނުބަތަ ފޭކް ބިސް ރާއްޖޭގައި ވިއްކަމުންދާ ކަމަށް ބުނެ، އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އާންމުކޮށް ކެއުމަށް ބޭނުން ކުރާ ބިސްތަކުން ނުފެންނަ ސިފަތަކެއް، ބާޒާރުން ވިއްކާ ބިސްތަނުން ފެންނަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

‎އެކަމާ ގުޅޭ ގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސައިންޓިފިކް އޮފިސާ އާސިފާ ލުތުފީ "ސަން"އަށް ވިދާޅުވީ، ރާއްޖޭގައި ވިއްކަމުންދާ ބިހުގައި މައްސަލަތަކެއް ނޫޅޭ ކަމަށާއި ބިހުގެ ވަހާއި ކުލައަށް ބަދަލު އައިސްފައި ވަނީ ފިނިހޫނުމިން ހިފެހެއްޓުމަށް ގުދަން ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށް ބެލެވޭ ކަމަށެވެ.

‎"ފުރޯޒެންކޮށް ގެނެސް، ޓެމްޕަރޭޗާއަށް ގުދަން ނުކުރުމުން ވީ ގޮތެއް ކަމަށް ލަފާ ކުރެވެނީ. އިތުރު މައްސަލަތަކެއް ފާހަގަ ނުކުރެވޭ،" އާސިފާ ވިދާޅުވި އެވެ.

‎ނަމަވެސް ޝަކުވާތައް ލިބިފައިވާތީ ބިހުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

‎އެކަމުގައި ޑަބްލިޔުއެޗްއޯގެ ލަފާ ވެސް ހޯދާފައިވާއިރު، އެހެން ގައުމަކުން ވެސް އެފަދަ ކަމެއް ހިނގައިގެން އަންގާފައި ނުވާ ކަމަށް އާސިފާ ވިދާޅުވި އެވެ.

ފޭކު ބިސްތަކެއް ކަމަށް ބުނާ ބިސްތަކުގައި އާދަޔާ ހިލާފު ތަފާތުކަމެއް ފެންނަ ކަމަށް، ޒަމާންވީ ޝެފުން ވެސް ދަނީ ބުނަމުންނެވެ. ޝެފުން ފާހަގަ ކުރީ ބިހުގެ ކުލަ އާއި ވަހުގެ އިތުރުން ބިސް ކެއްކުމުން ތަފާތު ކަމެއް ފާހަގަ ކުރެވޭ ކަމަށެވެ.

ފޭކު ކަމަށް ބުނާ ބިސް ކެއްކުމުން ގޮބަޅިގަނޑު ހަރުވެ ކުލަ މަޑުވެ އެވެ. އަދި ބިސްގަނޑު އެޅުމުން ގޮބަޅި އާއި ލޮދިގަނޑު ހުންނަނީ ވަރަށް ބޮޑަށް އެކުވެފަ އެވެ.