28 Jun 2017, 16:20
ދ. ކުޑަހުވަދޫގައި ހެދި ދާލު އެއާޕޯޓަށް މޯލްޑިވިއަނުން ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފި އެވެ.
ޝެޑިއުލް ދަތުރުތައް މިއަދު ފެށި އިރު، ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާފައިވަނީ މިއަދު މެންދުރުފަހު 1:50 ގަ އެވެ. އެ ފްލައިޓް ކުޑަހުވަދޫ އެއާޕޯޓުގައި ޖައްސާފައިވަނީ މެންދުރުފަހު 2:30 ހާއިރު އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، ފުރަތަމަ ފްލައިޓު ފުލްކޮށް ދިޔަ އިރު، ކުރިއަށް އޮތްތަނުގައި ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރު ކުރާނެ ކަމަށެވެ.
މިއަދު ދަތުރުތައް ފަށާފައިވާއިރު، ކޮންމެ ދުވަހަކުވެސް އެ އެއާޕޯޓަށް ކުރުމަށް ހަމަޖެހިފައިވަނީ އެއް ދަތުރެވެ.
މާލެއިން ކުޑަހުވަދޫއަށް ވައިގެ މަގުން މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގަކީ އެއްކޮޅަށް 888 ރުފިޔާއެވެ.
ދ. ކުޑަހުވަދޫގައި ޑޮމެސްޓިކް އެއާޕޯޓު އަޅައި ނިންމައި، އެތަނަށް އެންމެ ފުރަތަމަ ޓެސްޓު ފްލައިޓު ޖެއްސީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެއީވެސް މޯލްޑިވިއަންގެ ފްލައިޓެކެވެ.
ކުޑަހުވަދޫގައި އެއާޕޯޓު ތަރައްގީކުރީ ރިއޯލޯ އިންވެސްޓްމެންޓްސް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. ކުޑަހުވަދޫ އެއާޕޯޓުގެ މަސައްކަތް ކުރީ ރިއޯލޯއިން އުފައްދާފައިވާ "ދާލު އެއާޕޯޓު ހޯލްޑިންގްސް" ކުންފުނިންނެވެ.