ޕްލާސްޓިކް ބިހުގެ މައްސަލަ އަދި މިހާތަނަށް ބައިނަލްއަގްވާމީ އެއްވެސް ފަރާތަކުން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިދުވަސްކޮޅު ބައެއް ފިހާރަތަކުން ޕްލާސްޓިކް ބިސް ވިއްކަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދުކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ޑަބްލިއުއެޗްއޯގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (އިންފޯސަން) އަދި ކަމާގުޅުން ހުރި އެފަދަ އެއްވެސް އިދާރާއަކުން އެފަދަ މައްސަލައެއް ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށެވެ.

އެ މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަމުންދާ ކަމަށްވެސް ހެލްތު މިނިސްޓްރީގެ ޓްވީޓުގައި ބުނެފައިވެ އެވެ.

ބައެއް މީހުން ވަނީ އެ މީހުންނަށް އެފަދަ ބިސް ނިމިދިޔަ ރޯދަ މަހު ގަނެވިފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފަ އެވެ.

އެމީހުން ބުނާ ގޮތުގައި އެ ބިހުން ތާޒާ ބިސް ވަސް ދުވި ނަމަވެސް އާދައިގެ ބިހާ ވަރަށް ތަފާތު ކަމަށެވެ. އަދި ބިސް ތަޅާލުމުން ބިހުގެ ހުރިހާއެއްޗެއް އެއްފަޅިއަކަށް ގޮސް ހުންނަ ކަމަށާއި، އަނެއް ފަޅި ހުސްކޮށް އޮންނަ ކަމަށް އެމީހުން ބުނެ އެވެ. އޭގެ އިތުރުން ބިހުގެ ދުލިފަތް ވަރަށް ބޯ ކަމަށާއި، ހީވަނީ ރަބަރުގަނޑެއްހެން ކަމަށްވެސް އެ މީހުން ބުނެ އެވެ.