މައުނަވީ ތަރިކަ އެއްކުރުމުގެ ޕުރޮޖެކްޓްގެ ދަށުން ދިވެހިބަހުގެ އެކަޑެމީގެ ހާއްސަ ޓީމެއް ތ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުތައް ކުރަން ފަށައިފިއެވެ.

އެޕުރޮޖެކްޓްއަކީ މައުނަވީ ތަރިކަ ނުވަތަ އަތްނުލެވޭ ތަރިކައިގެ ގޮތުގައި ހިމެނޭ، ކާ، ފަރިހި އަދި ތާރީހުގެ ވާހަކަތަކާއި މީހުން ވާހަކަ ދައްލާ ބަހުރުވައާއި ލަފްޒުތައް ފަދަ ތަކެތި އެއްކުރުމަށް ހިންގާ ޕުރޮޖެކްޓެކެވެ.

ބަހުގެ އެކަޑެމީގެ މައުނަވީ ތަރިކަ އެއްކުރުމުގެ ޕުރޮޖެކްޓްގެ ދަށުން: ފޮޓޯ: އެކެޑަމީ

މިވަގުތު ތ. އަތޮޅުގައި ހުންނެވި ބަހުގެ އެކަޑެމީ ރައީސް އަޝްރަފް އަލީ މިއަދު ސަންއަށް ވިދާޅުވީ އެދަތުރުގައި އެއަތޮޅު ހުރިހާ ރަށަކަށްގޮސް މައުނަވީ ތަރިކަ އެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މީހުންނާއި ބައްދަލުކޮށް އެވާހަކަތައް ވީޑިއޯ އަދި އޯޑީއޯ ރެކޯޑްކޮށް ލިޔެ ރައްކާކުރެވޭނެ، އަދި ތާރީހީ ތަންތަން ބަލައި އެތަންތަނުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާއި ހިއްސާކުރެވޭނެ،" އަޝްރަފް ވިދާޅުވިއެވެ.

ބަހުގެ އެކަޑެމީގެ މައުނަވީ ތަރިކަ އެއކްުރުމުގެ ޕުރޮޖެކްޓްގެ ދަށުން: ފޮޓޯ: އެކެޑަމީ

އެޕުރޮޖެކްޓްގެ ދަށުން މިހާތަނަށް އައްޑު އަތޮޅާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅާއި ބ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައިވާއިރު ދެން ކުރިއަށް އޮތީ އުތުރުގެ އަތޮޅަކަށް ދިއުން ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ހުރިހާ ރަށަކަށްގޮސް މައުލޫމާތު އެއްކުރަން ނިންމާފައިވާއިރު އެކަޑެމީގެ މަގުސަދަކީ ދިރާސާ ކުރާ މީހުންނަށް މައުލޫމާތު ލިބޭނެ ގޮތްތަކެއް ހަމަޖެއްސުންކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.