27 Jun 2017, 22:26
ގދ. ނަޑެއްލާ އިންޖީނުގޭގައި ބޭނުނުން ކުރަމުންދާ ޖަނެރޭޓަރަށް ލޯޑު ބޮޑުވެގެން އެރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.
އެރަށު ކައުންސިލްގެ ނައިބް ރައީސް ޝަހުމަދު އަޒީޒް "ސަން" އަށް ވިދާޅުވީ އެރަށުން ކަރަންޓު ކަނޑައިގެން ދިޔައީ މިއަދު މެންދުރު 14:00 ހާއިރު ކަމަށެވެ. އެފަހުން އެރަށަށް ކަރަންޓު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ 200 ގަޑި އިރަކުން އިންޖީނުގެ ތެޔޮ ބަދަލު ކުރަން ޖެހޭ. އެގޮތަށް ތެޔޮ ބަދަލު ކުރުމަށް މިއަދު އިންޖީނު ނިއްވާލުމަށް ފަހު އަލުން ސްޓާޓް ކުރަން އުޅުމުން ސްޓާޓް ނުވީ،" ޝަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގދ. ތިނަދޫ ފެނަކާ ބްރާންޗުގެ އިންޖިނޭރުން މިއަދު ހަވީރުން ފެށިގެން އެ ޖަނެރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިންޖިނޭރުންނާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ދިމާވެފައި ވަނީ އިންޖީނުގެ އިންޖެކްޓަރުގައި މައްސަލަ ޖެހިގެންނެވެ.
"ކަރަންޓު ލިބޭނެ ވަގުތެއް އަދި ނޭނގޭ ދަންނަވާކަށް. މަސައްކަތް ދަނީ ކުރިއަށް،" ޝަހުމަދު ވިދާޅުވި އެވެ.
ޖުމްލަ 830 މީހުންގެ އާބާދީއެއް އޮންނަ ނަޑެއްލާ އަށް ކަރަންޓު ދެމުން އަންނަނީ 80 ކިލޯ ވޯޓުގެ ޖަނެރޭޓަރަކުންނެވެ. އެ ޖަނެރޭޓަރުގެ އިތުރުން މީގެ ކުރިން 150 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް އެރަށު އިންޖީނުގޭގައި ބޭނުން ކުރި ނަމަވެސް ފަހުން އެ ޖަނެރޭޓަރުގައި މައްސަލަ ޖެހިގެން ފަހުން ކަރަންޓު ދޭން ފެށީ 80 ކިލޯ ވޯޓުގެ ޖަނެރޭޓަރުންނެވެ. އެހެން ކަމުން މިވަގުތު އެ ރަށަށް ކަރަންޓު ދިނުމަށް ބޭނުން ކުރާނެ އިތުރު ޖަނެރޭޓަރެއް އެރަށުގައި ނެތެވެ.