27 Jun 2017, 20:43
އަންނަ އަހަރާއި 2022 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ބާއްވަން ހުށަހެޅި ބިޑު ކާމިޔާބު ކުރަން، ފީފާގެ އިސް އޮފިޝަލެއްގެ ކުޑަދަރިފުޅުގެ އެކައުންޓަށް 1.6 މިލިޔަން ޕައުންޑުގެ ރިޝްވަތު ދިން ކަމަށް ޖަރުމަނުގެ ނޫހަކުން ބުނެފި އެވެ.
އަންނަ އަހަރު ރަޝިއާގައި ފީފާ ވޯލްޑް ކަޕް ބާއްވާއިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބާއްވާނީ ގަތަރުގަ އެވެ. އެ ދެ ގައުމުން ވޯލްޑް ކަޕް ބިޑު ކާމިޔާބު ކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، ޖަރުމަނުގެ ނޫހަކުން މިއަދު ވަނީ ލިޔުންތަކެއް އާންމުކޮށްފަ އެވެ.
ޖަރުމަނުގެ "ބިލްޑް" ނޫހުން އާންމު ކުރަން ފަށާފައި ވަނީ 430 ސޮފްހާގެ ބޮޑު ތަހުގީގު ރިޕޯޓެއްގެ ބައިތަކެކެވެ.
ޖަރުމަނުގެ ނޫހުން އާންމު ކުރި ރިޕޯޓު ލިޔެފައި ވަނީ ފީފާގެ އިންޑިޕެންޓެންޑް އެތިކްސް އިންވެސްޓިގޭޓަރު ކަމުގައި ކުރިން ހުންނެވި މައިކަލް ގާސިއާއެވެ. އޭނާ އެ މަގާމުން ވަކި ކުރީ 2014 ވަނަ އަހަރު އެވެ. އޭނާ މަގާމުން ވަކިކުރީ ތަހުގީގުގައި ނުބައި މައުލޫމާތުތަކެއް ހިމެނުމަށްފަހު އެ އާންމުކުރި ކަމަށް ބުނެ އެވެ.
ގާސިއާ މަގާމުގައި ހުންނެވިއިރު، އޭނާ ވަނީ ވޯލްޑް ކަޕް ބިޑަށް ކުރާ ތުހުމަތަކަށް ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. ނަމަވެސް ފީފާއިން ވަނީ ގާސިއާ ތައްޔާރު ކުރި ރިޕޯޓު ޝާއިއު ކުރަން ދެކޮޅު ހަދާފަ އެވެ. ނަމަވެސް އޭގެ އެއްބައި ފީފާއިން ވަނީ އާންމުކޮށްފަ އެވެ.
ޖަރުމަނުގެ ބިލްޑް ނޫހުން ރޭ ވަނީ، ފީފާ އިން ރިޕޯޓުން އުނި ކުރި ބައެއް ބައިތައް އާންމުކުރުން ފަށާއިފަ އެވެ.
އޭގެ ތެރޭގައި، ގަތަރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑަށް ހުށަހެޅި ބިޑާ ގުޅޭ ބައެއް ކަންކަން ހިމެނެއެވެ.
އޭގައި ބުނެފައިވާ ގޮތުން، ވޯލްޑް ކަޕް 2018 އަދި 2022 ބާއްވާނެ ގައުމުތަކަކަށް ވޯޓުލުމުގެ ކުރިން، ފީފާގެ ތިން އިސްވެރިއަކު ބްރެޒިލްގެ ރިއޯ ޑެ ޖަނީރޯއަށް "ޕާޓީ ކުރުމަށް" ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޕްރައިވެޓް ޖެޓެއްގައި ގެންދިޔަ ކަމަށެވެ.
މީގެ އިތުރުން، އެ ދެ އަހަރުގެ ވޯލްޑްކަޕް ބިޑާ ދިމާކޮށް، ފީފާގެ އިސްވެރިއެއްގެ 10 އަހަރުގެ އަންހެން ދަރިފުޅުގެ އެކައުންޓަށް 1.6 މިލިޔަން ޕައުންޑްގެ ރިޝްވަތު ވެސް ދީފައިވާ ކަމަށް ބިލްޑް ނޫހުން އާންމު ކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.
ފީފާ ވޯލްޑްކަޕްގެ ބިޑުތަކާ ދިމާކޮށް ގަތަަރަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ އިރު، އެ ބިޑުތައް މީގެ ކުރިން ތަހުގީގުކޮށް، 403 ސޮފްހާގެ ބޮޑު ތަހުގީގު ރިޕޯޓެއް ފީފާގެ ކުރީގެ އެތިކްސް އިންވެސްޓިގޭޓަރު ލިޔުނު އިރު، ފީފާއިން އެ ރިޕޯޓު ޝާއިއު ކުރީ އެންމެ 43 ސޮފްހާއަށް ރިޕޯޓު ކުޑަކޮށް، ކޮރަޕްޝަނާ ގުޅުން ހުރި ވާހަކަތައް އެއިން އުނިކުރުމަށްފަހު އެވެ.
ޖަރުމަނުގެ "ބިލްޑް" ނޫހުން ބުނެފައި ވަނީ، މި ރިޕޯޓުގައި ބާކީ ހުރި ވާހަކަތައް ކުރިއަށް ހުރި ތަނުގައި ވެސް އާންމު ކުރަމުން ގެންދާނެ ކަމަށެވެ.