28 Jun 2017, 02:35
ކްއީންސް ލޭންޑްގައި އަހަރަކު އެއްފަހަރު ބާއްވާ "ގޯލްޑް ކޯސްޓް އެއާޕޯޓް މެރަތަން"ގައި ބައިވެރިވުމަށް ރާއްޖޭގެ ދުވުންތެރިޔާ އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓް ނަސްރުﷲ އަހްމަދު އޮސްޓްރޭލިއަށް ފުރައިފިއެވެ.
ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށްވާ މަޝްހޫރު ގޯލްޑް ކޯސްޓްގައި ކުރިއަށް ގެންދާ މި އިވެންޓަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސްގެ ގޯލްޑް ލޭބަލް ރޭހެއްގެ ގޮތުގައި އޮސްޓްރޭލިއާގައި ބޭއްވި ފުރަތަމަ ރޭހެވެ.
ދުނިގޭ އެކިގައުމުތަކުން، އެކި އުމުރުފުރައިގެ، އަދި ތަފާތު ގާބިލިއްޔަތުކަން ލިބިފައިވާ 27،000 އަށްވުރެ ގިނަ ދުވުންތެރީން ވާދަކުރާން ހަމަޖެހިފައިވާ މި ރޭހުގައި ނަސްރު ދުވުމަށް ހަމަޖެހިފައި ވަނީ، 42 ކިލޯމީޓަރުގެ ފުލް މެރަތަންގައެވެ.
މީގެ ކުރީން ގިނަ މެރަތަންތަކެއްގައި ވާދަކޮށްފައިވާ ނަސްރު "39 ވަނަ ގޯލްޑް ކޯސްޓް އެއާޕޯޓް މެރަތަން"ގައި ތަމްސީލުކުރަނީ ރާއްޖޭގެ އިތުރުން ދިވެހި ސިފައިންގެ ކްލަބެވެ.
މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ޖުލައި މަހުގެ ފުރަތަމަ ހަފްތާ ބަންދާ ދިމާކޮށެވެ. އެއީ ޖުލައި 1-2 އަށެވެ.
ނަސްރު ވަނީ މިހާތަނަށް 18 މެރަތަނެއްގައި ވާދަކޮށްފައެވެ. އެންމެ ފުރަތަމަ އޭނާ ދުވުނީ އެމްޓީސީސީ މެރަތަންގައެވެ. އެއީ ރާއްޖޭގައި އޭނާ ދުވި ހަމައެކަނި މެރަތަންއެވެ. ނަމަވެސް އޭގެ އިތުރުން އޭނާ ވަނީ ބައިނަލްއަގްވާމީ 17 މެރަތަންއެއްގައި ދުވެފައެވެ. އޭގެ ތެރޭގައި ކޮލަމްބޯ އިންޓަނޭޝަނަލް މެރަތަން، އިންޑިއާ ޕޫނޭ އިންޓަނޭޝަނަލް މެރަތަން، ސިންގަޕޯ ސްޓޭންޑަރޑް ޗާޓާރޑް އިންޓަނޭޝަނަލް މެރަތަން، މެލޭޝިއާ ސްޓޭންޑަރޑް ޗާޓާރޑް އިންޓަނޭޝަނަލް މެރަތަން، މެލޭޝިއާ ބޯނިއޯ އިންޓަނޭޝަނަލް މެރަތަން، އޭޝިއަން މެރަތަން ޗެމްޕިއަންޝިޕް، ހޮންކޮންގ މެރަތަން، ބާލިން މެރަތަން އަދި އިސްތަންބޫލް އިންޓަނޭޝަނަލް މެރަތަން ހިމެނެއެވެ.
ނަސްރު ބުނީ، "ގޯލްޑް ކޯސްޓް އެއާޕޯޓް މެރަތަންގައި ޓާގެޓަކީ، ލަންޑަން މެރަތަނަށް ކޮލިފައިވާ ޓައިމެއްގައި ދުވުން،" ކަމަށެވެ.
ގޯލްޑް ކޯސްޓް އެއާޕޯޓް މެރަތަންގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވާ ނަސްރަކީ މިފަދަ އެންމެ ގިނަ މެރަތަންގައި ވާދަކުރުމުގެ ރެކޯޑް ހަދާފައިވާ ދިވެހި އެތުލީޓެވެ.