މާލޭ ސިޓީގެ މޭޔަރުގެ މަގާމުން ސަރަނގު އާދަމް މަނިކު އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ މޭޔަރުގެ މަގާމަށް ކުރިމަތިލައްވަން ހުންނެވީ ތައްޔާރަށް ކަމުގައި ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މައިޒާން އަލިމަނިކު )އަލިބެ( މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އަލިބެ މިއަދު ވިދާޅުވީ، އޭނާ އަބަދުވެސް ހުންނަވާނީ އެންމެ ފުރިހަމައަށް ގައުމަށް ހިދުމަތް ކުރެއްވޭނެ މަގާމަކަށް ވަޑައިގަތުމަށް ތައްޔާރަށް ކަމަށެވެ. އަދި އަލިބެ ވިދާޅުވި ގޮތުގައި މޭޔަރުގެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކުރިއަށް އޮތް ތަނުގައި ކައުންސިލަށް މަސައްކަތް ކުރެވޭނީ "އެކަތިގަނޑަކަށް" ވެގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

"މޭޔަރުކަމަށް ކުރިމަތިލުމުގެ ބޭނުމަކީ ކައުންސިލައިގެން ކުރިއަށް އޮތް ދެ އަހަރާ ބައިގައި، އަހަރުމެންގެ ޕްރޮމިސްތަކާ އެއްގޮތަށް ކުރިއަށްގެންގޮސް ސަރުކާރުގެ ވައުދުތައް ފުއްދުމާއި މިހުރިހާ ކަމެއްގައި އެންމެ ބާރަށް ކުރިއަށް ދެވޭނީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން ކަމަށް ފެންނާތީ،" އަލިބެ ވިދާޅުވި އެވެ.

އަލިބެ ވިދާޅުވީ، އެ މަގާމަށް އިތުރު މެމްބަރަކު ކުރިމަތިލައްވާފައިވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވޯޓުލުން އޮންނާނެ އިރެއް އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، މޭޔަރުގެ މަގާމަށް ގިނަ ކައުންސިލަރުން ގެންނަން ބޭނުންވަނީ ވެސް އަލިބެ އެވެ. އޭނާއާ ދެކޮޅަށް އެ މަގާމަށް އިތުރު ބޭފުޅަކު ވާދަކުރައްވާނެ ކަމެއް އެނގިފައެއް ނެތެވެ.

ކައުންސިލް މެމްބަރުންގެ ފަރާތުން ދިމާވަމުންދާ ފިއްތުންތަކުގެ ސަބަބުން މޭޔަރުގެ މަގާމުގައި ހުންނަވައިގެން އިތުރަށް މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، އާދަމް މަނިކު މިމަހުގެ ހަތް ވަނަ ދުވަހު އިސްތިއުފާދެއްވީ، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ސިޓީ ކައުންސިލުން ތައްޔާރުވެފައިވަނިކޮށެވެ.