27 Jun 2017, 11:18
ޗެލްސީގެ މިޑްފީލްޑަރު ނަމެންޔާ މަޓިޗްގެ ޓްރާންސްފަރއަށް ގާތްގަނޑަކަށް 40 މިލިއަން ޕައުންޑުގެ ފީއެއް ހުށަހަޅައި، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެވިޔަފާރި ނިންމާލުމަށް މެންޗެސްޓަރ ޔުނައިޓެޑުން ތައްޔާރުވެއްޖެއެވެ.
ހޯޒޭ މޮރީނިއޯގެ ޔުނައިޓެޑުން ވަނީ މަޓިޗަށް ހަފްތާއެއްގެ އުޖޫރައިގެ ގޮތުގައި 155,000 ޕައުންޑު ދިނުމަށް ރުހި ގަބޫލުވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓެލެގްރާފުން ރިޕޯޓުކޮށްފައިވާ ގޮތުން، މޮރީނިއޯގެ ފުރަތަމަ ޗޮއިސްއަކީ، ޓޮޓެންހަމްގެ މިޑްފީލްޑަރު އެރިކް ޑަޔަރއެވެ. އޭގެ ފަހުން އޭއެސް ރޯމާގެ ރަޑްޖާ ނައިންގޮލާން ހޯދުމަށް މަސައްކަތްކުރި ނަމަވެސް މިއިން އެއްވެސް ޓްރާންސްފަރއަކަށް ފަހި މަގެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ތިންވަނަ ޗޮއިސް ކަމުގައިވާ މަޓިޗް ގެންނަން މިހާރުވަނީ އެއްބަސްވެފައެވެ.
ދަ ގާޑިއަންގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ހަފްތާ ތެރޭގައި މަޓިޗް، ޔުނައިޓެޑްގެ މެޑިކަލްއަށް ދާނެއެވެ. އޭނާގެ ކޮންޓްރެކްޓްގެ ކަންތައް މިހާރުވެސް ލަސްވެފައި ވަނީ، މިދިޔަ އާދީއްތަ ދުވަހު މޮރީނިއޯގެ ބައްޕަ ފެލިކްސް ނިޔާވުމާގުޅިގެން ކަމަށް ވެއެވެ.
މޮރީނިއޯ މިވަގުތު ހުރީ އޭނާގެ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް ޕޯޗްގަލްގައެވެ. މޮރީނިއޯ ނެތްނަމަވެސް ޖުލައި 9 ވަނަ ދުވަހު ޕްރި-ސީޒަން ޓުއާގައި އެމެރިކާއަށް މެންޔޫ ފުރުމުގެ ކުރިން މަޓިޗް އެ ކްލަބާ ގުޅޭނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
މަޓިޗަކީ މޮރީނިއޯ ޗެލްސީއަށް ކޯޗުކޮށްދިން އިރު، 2014 ވަނަ އަހަރު އޭނާގެ ބެލުމުގެ ދަށުން އެޓީމަށް ގެނައި ކުޅުންތެރިއެކެވެ. އުމުރުން 28 އަހަރުގެ މަޓިޗް، މެންޗެސްޓަރއަށް ގެންނަން މޮރީނިއޯ ބޭނުންވަނީ މި ޖުލައިގައި 36 އަހަރު ފުރޭ މައިކަލް ކެރިކްގެ ބަދަލެއްގެ ގޮތުގައެވެ.
ޗެލްސީ ދޫކޮށް މަޓިޗް ގޮސްފިނަމަ، އެންޓޯނިއޯ ކޮންޓޭއަށް ސެސް ފަބްރިގާސް މުހިންމުވާނެއެވެ. ކޮންޓޭ މިހާރުވެސް ދަނީ، ޓީމުގެ މިޑްފީލްޑް ވަރުދަކުރުމަށް އޭއެސް މޮނާކޯގެ ޓިއެމޯ ބަކަޔޮކޯއަށްވެސް ފާރަލަމުންނެވެ.