ކައުންސިލްތަކުގެ ބެލެނެވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސަކަށް އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މިންނާ ރަޝީދު އިންތިހާބުކޮށްފި އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި މިންނާއަކީ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެކެވެ. އަދި އޭނާއަކީ އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން މެމްބަރެވެ.

އެލްޖީއޭގެ ނައިބު ރައީސްކަމަށް އައްޔަން ކުރެއްވީ މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެލްޖީއޭގެ ބޯޑަށް މިންނާ އައްޔަން ކުރީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުވުމުން، މަޖިލީހުގެ ރުހުން ލިބުމުންނެވެ. މިންނާއާއެކު އިތުރު ދެ މެމްބަރަކު ވެސް އެލްޖީއޭ ބޯޑަށް އައްޔަން ކުރެއްވި އެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ގއ. ކަނޑުހުޅުދޫ، ހެޕީކޯނަރ އާމިރު އަލީ އާއި މަދަނީ ޖަމިއްޔާއެއް މެމްބަރެއް ކަމަށްވާ ސ. ހިތަދޫ، ފަރުދާބަގީޗާގެ އަހުމަދު ހަސަނެވެ.

އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތް

  • ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް
  • ޖެންޑަ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި އަންހެން މެމްބަރެއް
  • މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި މެމްބަރެއް
  • ޗީފް އެގެޒެކެޓިވް އޮފިސަރެއް