26 Jun 2017, 22:55
ޓައިވާންގެ ޓީހައުސް ފްރެންޗައިޒް "ޗާޓައިމް"ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި އެވެ.
ޗާޓައިމްއަކީ ބަބްލް ޓީ، އައިސްޑް ޓީ، އަދި ސައިގެ އެކި ވައްތަރުތައް ސާވް ކުރާ، މަޝްހޫރު ބައިނަލްއަގުވާމީ ފްރެންޗައިޒެކެވެ.
އިރުމަތީގެ ގިނަ ގައުމުތަކެއްގައި "ޗާ"ގެ މާނައަކީ ސައެވެ. "ޗާޓައިމް"ގެ މާނައަކީ "ސައި ގަޑި"އެވެ.
ޗާޓައިމް ހުންނާނީ މާލޭގެ އިރުމަތީ ފަރާތު ރާޅުގަނޑު ސަރަހައްދުގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ބަލާ ޕްލެޓްފޯމު ތިރީގަ އެވެ. އެއީ ހެންވޭރު ހިތިގަސްމަގުގައި، ޓަސްކަލޫސާ ކެފޭ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށެވެ.
މި ހަފްތާ ފެށުނު އިރު ޗާޓައިމުން ޚިދުމަތް ދެމުން އައި ނަމަވެސް، އެތަން ރަސްމީކޮށް ހުޅުވީ މިއަދު ހަވީރުއެވެ. ޗާޓައިމް ރަސްމީކޮށް ހުޅުވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.

މިއަދު މާލޭގައި ހުޅުވި ޗާޓައިމް -- ފޮޓޯ/ ސްޓްރާޑާ
މާލޭގައި ޗާޓައިމް ހުޅުވީ، މިހާރު ވެސް އިތުރު ފްރެންޗައިޒެއް މާލޭގައި ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުންނެވެ. ބްރިޖު ބަލާ ޕްލެޓްފޯމް ސަރަހައްދު ތަރައްގީކޮށް ހިންގަނީވެސް އެކުންފުނިންނެވެ.
އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޒާހިދު ރަމީޒް "ސަން"އަށް ވިދާޅުވި ގޮތުގައި، ރަމަޟާން މަހުގެ ފަހުކޮޅުން ފެށިގެން ޗާޓައިމުން ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އައި އިރު، ގިނަ ބައެއްގެ ތަރުހީބު ޗާޓައިމްގެ ބުއިންތަކަށް ލިބުނެވެ.
އެޕޯލޯ ހޯލްޑިންގްސްއާއި ލޮޓަސްގެ ބާނީ އަހްމަދު އާރިފް (އާއްޓޭ)ގެ ޚިޔާލަކަށް ސްޓްރާޑާއިން ރާއްޖެ ގެނައި ޗާޓައިމް ފްރެންޗައިޒުން ގިނަ ވައްތަރެއްގެ ބުއިންތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެކި ފްލޭވަރގެ ކިރުސައި، ތާޒާ ސައި، ސްމޫތީޒް އަދި ސްލަޝީޒް، މޭވާ ސައި، ޖޫސް، އޮރިއެންޓަލް ޕޮޕް ޓީ އަދި ކޮފީގެ ބާވަތްތައް، ހޫނުކޮށާއި ފިނިކޮށް ލިބެއެވެ. ޗާޓައިމްގެ ބުއިންތަކުގެ އަގުތައް އުޅެނީ 30 ރުފިޔާއާ 50 ރުފިޔާއާ ދެމެދުގެ ރޭންޖެއްގައެވެ.

މިއަދު މާލޭގައި ހުޅުވި ޗާޓައިމް: ޗާޓައިމް ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް -- ފޮޓޯ/ ސްޓްރާޑާ
ޗާޓައިމްގެ ހާހަކަށް ވުރެ ގިނަ އައުޓްލެޓް، ތަފާތު 26 ގައުމެއްގައި ހުރެއެވެ. އޭގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، ފްރާންސް، ގަލްފުގެ ގައުމުތަކާއި އޯޝޭނިއާ ބައްރުގެ ގައުމުތައް ހިމެނެއެވެ. މީގެ އިތުރުން އިންޑިއާ، މެލޭޝިއާ، ތައިލެންޑް، ޗައިނާ އަދި ތައިލެންޑް ފަދަ ގައުމުތަކުގައިވެސް ޗާޓައިމް ހުރެއެވެ.