ރާއްޖެއާ އެކު މަޝްވަރާގެ ބައްދަލުވުންތަން ބާއްވަން ތައްޔާރަށް އޮތް ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލަމެންޓްގެ ފޮރިން އެފެއާޒް ކޮމެޓީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މިއަދު ބްރުސެލްސްގައި ކުރިޔަށްދިޔަ އެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުންވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި އެތެރޭގެ ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމް ގާއިމުކުރެވިފައިވާ ގޮތާއި އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓިފައިވާ ގޮތާމެދު އެ ކޮމިޓީގެ މެމްބަރުންވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހާއި މަދަނީ މައްސަލަތަކުގައި އެކަށީގެންވާ ހައްލެއް ހޯދުމަށް ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށްވެސް އެ ކޮމެޓީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އޭޕްރީލް މަހު ތޫނު ހަތިޔާރަކުން ހަމަލާދީ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގު އަވަސްގޮތެއްގައި ކުރިޔަށް ގެންގޮސް ޔާމީނުގެ އާއިލާއަށް އިންސާފު ހޯދާދިނުމަށްވެސް އެ ކޮމެޓީގެ މެމްބަރުން ވަނީ ގޮވާލާފައެވެ.