ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީއަށް ލަނޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް އާޖެންޓީނާ ކޮޕާ އެމެރިކާ މުބާރާތާއި އަލްވަދާއު ކިޔައި މުބާރާތުގެ ކުޅިން ބަލަން ތިބެން ޖެހިއްޖެ އެވެ.

އާޖެންޓީނާ އާއި އުރުގުއޭ އާއި ބައްދަލުކުރި ވާދަވެރި މެޗް ޕެނަލްޓީ އާއި ހަމައަށް ގޮސް ކާލޮސް ޓެވޭޒްގެ ޕެނަލްޓީ ނާކާމިޔާބު ވުމުން އުރުގުއޭ ވަނީ ބޮޑުވެގެންވާ ކާމީޔާބީއަކާއެކު ސެމީ ފައިނަލަށް ދަތުރުކޮށް އުފާ ހާސިލުކޮށްފަ އެވެ.

ދެޓީމުގެ ފަރާތުންވެސް ވާން ދެއްކި ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ލަނޑުޖަހައި މެޗްގެ ފަސް ވަނަ މިނެޓްގައި އުރުގުއޭއަށް ކުރި ހޯދައި ދިނީ ޑިއޭގޯ ޕެރޭޒެވެ. ނަމަވެސް އެލީޑްގައި އުރުގުއޭ އަށް މާ ގިނަ އިރުވަންދެން އޮވެވޭގޮތެއް ނުވި އެވެ. މެޗްގެ 17 ވަނަ މިނެޓްގައި އާޖެންޓީނާގެ ގޮންޒާލޯ ހިގުއައިން ވަނީ ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އުރުގުއޭއަށް ލަނޑު ހަދިޔާކޮށްދިން ޑިއެގޯ ޕެރޭޒާއި އާޖެންޓީގެ ވަރުގަދަ، ރުޅިގަދަ މިޑްފީލްޑަރު، ހާވިއާ މަޝެރާނޯ އަށް ރަތްކާޑު ދައްކާ ބޭރުކޮށްލަން ޖެހުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ން އެއްވަރުވުމުން ދެ ޓީމަށް ވެސް ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީއާ ހަމައަށް ދާށެވެ.

އިތުރު ވަގުތަށް ފަހު އުރުގުއޭއިން ފަސް ޕެނަލްޓި ކާމިޔާބުކުރިއިރު އާޖެންޓީނާގެ ތަރި ކާލޮސް ޓެވޭޒްގެ ޕެނަލްޓީ ނާކާމިޔާބުކޮށްލީ އުރުގުއޭގެ ކީޕަރު މުސްލޭރާ އެވެ. ޕެނަލްޓީ އިން 5-4 ގެ ނަތީޖާއެއްގައި އޮވެ އުރުގުއޭ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މުޅި އާޖެންޓީނާ ރޮއްވައި ގަނޑުކޮށްލުމަށްފަހު އެވެ.

އާޖެންޓީނާގައި މުބާރާތް ބާއްވާތީ ގިނަބަޔަކު ހީކޮށްގެން ތިބި ގޮތާ ހިލާފަށް އާޖެންޓީނާއަށް މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވެސް މާއެދެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ދުނިޔޭގެ ތަރިންގެ މައްޗަށް އެކުލެވޭ ކުޅުންތެރިންތަކެއް ހިމެނުނު އާޖެންޓީނާއަށް ރޭގެ ނަތީޖާއިން ވަނީ ލަދާއި ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ބޮޑު ލަދަކާ ކުރިމަތިވީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީއަށެވެ. މެސީއަށް މުބާރާތުގެ ވަގުތު ހަމަވީ ލަނޑެއް ނުޖެހި ހުސްއަތާ ހުއްޓަ އެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗްގައި ޕެރޫއާއި ކޮލަމްބިއާ ބައްދަލުކުރި މެޗް 2-0 ކާމިޔާބުކޮށް ސެމީފައިނަލްގެ ދެވަނަ ޖާގަ ޕެރޫ ކަށަވަރު ކުރި ގަދަކަން ދެއްކި ކޮލަމްބިއާ ހަމަބިމަށް ތިރިކުރުމަށްފަހު އެވެ. މިމެޗްގެ ނަތީޖާ ނެރެވުނީ އިތުރު ވަގުތު ކުޅެގެންނެވެ. ޕެރޫއަށް 101 ވަނަ މިނެޓްގައި ކާލޮސް ލޮބަޓޮން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު ޕެރޫގެ ދެވަނަ ލަނޑު މެޗްގެ 111 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖުއާން މެނުއެލް ވާގަސް ރިސްކޯއެވެ. ސެމީ ފައިނަލްގައި ޕެރޫ ބައްދަލުކުރަންޖެހޭނީ އުރުގުއޭއާ އެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު ދެމެޗް މިރޭ ކުރިއަށްދާނެއެނެއެވެ. ފުރަތަމަ މެޗް ރޭގަނޑު 12:00 ގައި އެންމެފަހުގެ ޗެމްޕިއަން ބްރެޒިލްއާއި ޕެރަގުއޭ ބައްދަލުކުރާއިރު ދެވަނަ މެޗްގައި ފަތިހު 3:15 ގައި ބައްދަލުކުރާނީ ޗިލީއާއި ވެނެޒުއޭލާއެވެ.