ނިއުރޭޑިއަންޓްގެ ކޯޗް ކަމުގެ މަގާމުން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ދުރު ކުރުމަށްފަހު އެމަގާމަށް މުމްބާއީ ސިޓީގެ ކުރީގެ ކޯޗް ސުޕޭންގެ އޮސްކާ ބުރުޒޮން ހަމަޖައްސައިފިއެވެ.

އުމުރުން 40 އަހަރުގެ ކޯޗް އެ މަގާމަށް ހަމަޖެއްސިއިރު އޭނާ ވަނީ މިއަދު މާލެ އައިސްފައެވެ.

ޔޫއެފާ ޕްރޯ ލައިސަންސް އޮންނަ ބުރުޒޮން އެންމެ ފުރަތަމަ ވެސް ކޯޗްކަން ކޮށްދިނީ އިންޑިއާގެ ސުޕޯޓިން ގޯއާއަށެވެ. ކޯޗިން ކެރިއަރުގައި ސްޕޯޓިން ގޯއާއަށް މުހިއްމު ކުރިއެރުންތަކެއް ހޯދައިދިން ކޯޗް އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވަނީ ސުޕޭންގެ ދެވަނަ ޑިވިޝަންގައި ވަރުގަދަ ކުލަބުތަކަށް ކުޅެފައެވެ.

ގޯއާ ޓީމުން ވަކިވުމަށް ފަހު ދެން ބުރުޒޮން ހަވާލުވީ އެންމެ ފަހުން އޭނާ ކޯޗްކަން ކޮށްދިން މުމްބައި އެފްސީގެ އެސިސްޓެންޓް ކޯޗް ކަމާއެވެ. 2015 ވަނަ އަހަރާ ހަމައަށް އެ މަގާމުގައި ހުރުމަށްފަހު ދެން އޭނާ ފެނިގެންދިޔައީ ސުޕޭންގެ ދެވަނަ ޑިވިޝަންގެ ވަރުގަދަ ކުލަބެއް ކަމަށްވާ މަލޯކާއިންނެވެ. އެޓީމުގައި އޭނާ މަސައްކަތް ކުރީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ.

އެއަށް ފަހު މި އަހަރު އޭނާ ވަނީ ކުޑަދުވަސްކޮޅަކަށް މުމްބާއީ އެފްސީގެ ހެޑް ކޯޗް ކަމާ ހަވާލުވެފައެވެ. ހަތަރު މެޗަށް އޭނާ މުމްބާއީ އެފްސީއާ ހަވާލުވި އިރު ލީގުގައި ލިބުނު ދަށް ނަތީޖާ ތަކުގެ ސަބަބުން މުމްބާއީ އެފްސީ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.

މިވަގުތު މާލޭ ލީގު ތާވަލްގެ ދެވަނާގައި އޮތް ނިއުރޭޑިއަންޓުން އެޓީމުގެ ކުރީގެ ކޯޗް ބެނާޑޯ ޓަވަރޭސް ވަކިކުރީ ޓީމުގެ މެނޭޖްމަންޓުން ޓާގެޓް ކަނޑައަޅާފައިވާ ނަތީޖާތައް ނުނެރެވޭ ކަމަށް ބުނެއެވެ. ލީގުގައި މިހާތަނަށް 10 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.