މިއަހަރު ނެރުމަށް ތައްޔާރުވަމުންދާ "އެންމެ ބޮޑު ފިލްމު"، 'ނޯޓީ 40"ގެ ޝޫޓިން، ބްރޭކަކަށް ފަހު އަލުން ފެށުމަށް ފިލްމުގެ ތަރީންގެ ތެރޭގައި ހިމެނޭ މަޝްހޫރު ތަރި އަލީ ސީޒަން މާލެ އަތުވެއްޖެއެވެ.

އިސްމާއިލް ޝަފީގާއި ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު "ނޯޓީ 40" ކުރިއަށް އޮތް އޯގަސްޓް މަހުގެ ތެރޭގައި ބެލުންތެރީންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައި ވާއިރު، މިހާރު ވަނީ އެ ފިލްމުގެ ބޮޑުބައެއް ނިމިފައެވެ.

ފިލްމު "ނޯޓީ 40"ގެ ބައެއް އަންހެން ތަރިން: ފިލްމުގެ ޝޫޓިން މިލަންދޫގައި ދަނީ ކުރިއަށް --- ފޮޓޯ/ ފޭސްބުކް

ށ. މިލަންދޫގައި، ފިލްމުގެ 90 ޕަސެންޓް ޝޫޓްކޮށްފައިވާ ނޯޓީ 40ގެ ތަރީންނަށް ބޮޑު ބްރޭކެއް ދީފައިވަނީ، އޭގެ ތެރޭން ބައެއް ތަރީންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނާން ޖެހޭތީއެވެ. އެގޮތުން ހަށިގަނޑަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް ސީޒަން ދިޔައީ އޭނާ މިހާރު ދިރިއުޅުން ބަދަލުކޮށްފައިވާ ޝްރީ ލަންކާއަށެވެ.

ސީޒަންގެ ހަށިގަނޑުގެ ބައްޓަމަށް ބަދަލުތަކެއް ގެނެސްފައި ވަނީ، 40 އަހަރުގެ މީހަކު އޭނާގެ އުމުރުން 25 އަހަރުގެ ދުވަސްވަރު ދެއްކުމަށްޓަކައެވެ.

"ބަރުދަނަށް މާކަބޮޑު ބަދަލެއް ނާދޭ، އެހެން ނަމަވެސް ޝޭޕަށް ހަމަ ބޮޑު ބަދަލެއެް ގެނެވިފަ މިވަނީ،" ބްރޭކަށް ފަހު ހަށިގަނޑުގެ ބައްޓަމަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ސީޒަން ބުންޏެވެ.

ނޯޓީ 40ގެ ޒުވާން ދުވަސްވަރު ހޯދުމަށް ސައީދާއި މަނިކު ޖިމް ޖައްސަނީ -- ސަން ފައިލް ފޮޓޯ

ނޯޓީ 40ގެ ޝޫޓިންގެ ބާކީބައި މާލޭގައި ނެގުމަށް ހަމަޖެހިފައިވާއިރު، ފިލްމުގައި ދެން ބާކީ ޝޫޓް ނުކުރެވި އޮތީ، ކޮންމެ ބައިވެރިއަކަށް ވެސް ވަރަށް ކުޑަ ބައެއް ކަމަށް، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ފަންނާނު ބުންޏެވެ.

"ގާތްގަނޑަކަށް ދެދުވަހުގެ ތޭރޭގައި އަޅުގަނޑު ކުޅެން ޖެހޭ ބައި ނިންމާލެވޭނެ. އެގޮތަށް ހަމަ ކޮންމެ ބައިވެރިއަކަށްވެސް ބާކީ އޮންނާނީ އެއް ދުވަސް ނުވަތަ ދެދުވަހުން ނިންމާލެވޭވަރުގެ ބައެއް،" ސީޒަން ބުންޏެވެ.

ނޯޓީ 40ގައި، ބައެއް ތަރިންގެ ދެ އުމުރެއްގެ މަންޒަރުތަކެއް ދައްކާގޮތަށް ހަމަޖެހިފައިވާއިރު، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެ ފިލްމުގައި ދައްކާނީ ބައެއް ތަރިންގެ 40 އަހަރުން މަތީގެ އުމުރުގެ މަންޒަރުތަކާއި ހަމަ އެ ތަރިންގެ 22-26 ދޭތޭރޭ މަންޒަރުތަކެވެ.

ނޯޓީ 40ގެ ބަތަލެއް ކަމަށްވާ އަލީ ސީޒަން --

ނިއުމާ މުހައްމަދު، އަހުމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން އަދި ޔޫއްޕެގެ އުމުރުން ދުވަސްވެފައިވާ މަންޒަރުތައް މިލަންދޫގައި ނަގާފައިވާ އިރު ދެން އޮތީ އެ ތަރިންގެ ޒުވާން ދުވަސްތައް ދައްކުވައިދޭ މަންޒަރުތައް ނެގުމެވެ.

"ވޭތުވެ ދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ، ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށް މަސައްކަތްތަކެއް ކޮށްފައި. ދެން ފިލްމަށް ބޭނުންވާ ވަރުގެ ބަދަލެއް އަޅުގަނޑުމެންގެ ހަށިގަނޑަށް އައިތޯ ނިންމާނީ ބެލުންތެރީން."

ފިލްމުގެ ޝޫޓިންއާ ގުޅޭގޮތުން ސަންއަށް މައުލޫމާތުދެމުން ސީޒަން ބުނީ، "މިހާތަނަށް ޝޫޓްކުރެވިފައިވާ ބަޔާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ކަމަށެވެ.

އަށާރަ ތަރިންނާ އެކު އުފައްދާ "ނޯޓީ 40"ގެ މާލޭގެ ޝޫޓިންގެ ބައެއް މިހާރުވެސް ޝޫޓްކޮށްފައި ވާއިރު، ބާކީހުރި މަންޒަރުތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނޭކަމަށް ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަދި އެކްޓަރު އަހުމަދު ސައީދު ބުންޏެވެ.

"އަޅުގަނޑުމެން މި ބަލަނީ ހަރޯދަ ނިންމާލާފައި ފިލްމުގެ ނުނިމި އޮތްބައިގެ މަސައްކަތް ފަށަން،" ސައީދު ބުންޏެވެ.

މުޅި ޖުމްލަ ހަ ލަވަ ހިމެނޭ އެ ފިލްމުގައި، ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިން ހިމެނޭއިރު، ނޯޓީ 40ގެ ހުރިހާ މަސައްކަތެއް ނިންމައި، އޯގަސްޓް ދެ ވަނަ ދުވަހު ސްކްރީނާ ހަމައަށް ފިލްމު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.