26 Jun 2017, 16:33
މާލޭގެ އިރުމަތީގެ ބައެއް ހިސާބުތަކަށް އުދަ އަރަމުން އެބަ ދެއެވެ.
އުދަ އަރަމުންދަނީ އަލިމަސް ކާނިވާ ސަރަހައްދާއި، ކުރީގެ ޓަސްކަލޫސާ ކެފޭ ހުންނަ ސަރަހައްދަށެވެ.
ހެންވޭރު އާޓިފިޝަލް ބީދުގެ ދެކުނު ކޮޅުން ޓަސްކަލޫސާ ކެފޭ ހުރި ސަރަހައްދަށް އުދަ އަރައި، މަގުމައްޗަށް ދޮންވެއްޔާއި އަކިރިވެސް އެޅިފައި ހުރި އިރު، ކާނިވާ ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ. އެ ދެ ސަރަހައްދަކީ މާލެއަށް އާންމުކޮށް އުދަ އަރާ ސަރަހައްދުތަކެވެ.

ކާނިވަލު ސަރަހައްދަށް މިއަދު އުދަ އަރާފައި --- ސަން ފޮޓޯ/ ޔާމިން ސައީދު
ކާނިވަލުގެ ބޮޑު ސަރަހައްދަކަށް އުދަ އަރައި ފެންބޮޑުވެ، އެ ފެންގަނޑު ވަނީ އެތަނުގައި ހިންގާ ޑްރައިވިންގް ލައިސެންސް ނަގާ ސަރަހައްދާ ހަމައަށް ފެތުރިފައެވެ. އަދި ފެންގަނޑު މިވަގުތުވެސް ދަނީ ބޮޑުވަމުންނެވެ.
މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރަށް ވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.

އާޓިފިޝަލް ބީޗު ސަރަހައްދަށް މިއަދު އުދަ އަރާފައި --- ސަން ފޮޓޯ/ ޔާމިން ސައީދު
މާލެ ސަރަހައްދަށް މިއަދު މޫސުން ހުރި ގޮތަށް ބަލާއިރު، އުޑުމަތީ އޮތީ ބަނަކޮށެވެ. އަދި މިއަދު ތިން މިލިމީޓަރުގެ ވާރޭ މާލެއަށް ވެހުނު ކަމަށް މެޓް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
މެޓް އޮފީހުގެ ވެބްސައިޓުގައިވާގޮތުން، މިއަދު މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވީ މެންދުރު 2:50 ހާއިރެވެ. އެ ވަގުތުގައި މާލެ ސަރަހައްދުގައި ދިޔަވަރު ބޮޑުވީ 238.5 ސެންޓިމީޓަރަށެވެ.