17 Jul 2011, 09:39
ދިމިޝްޤު : ސޫރިޔާ ސަރުކާރާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އާންމުންގެ 32 މީހަކު މަރުވެފައިވާ ކަމަށް ހަބަރު ލިބިއްޖެ އެވެ.
މިދިޔަ ހުކުރުދުވަހު ދިމިޝްޤުގައި އެކަނިވެސް ބައިލައްކަ އަށްވުރެ ގިނަ މީހުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާފައިވާއިރު ސޫރިޔާގެ އެކި ކަންކޮޅު ތަކުގައި މިލިޔަނެއްހާ މީހުން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އެމުޒާހަރާތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 32 މީހަކު މަރުވެފައިވާ ކަމަށް އިދިކޮޅު ލީޑަރެއް ކަމަށްވާ ވަލީދުއްނަބީ ވިދާޅުވި އެވެ.
ރައީސް ބައްޝާރުލްއަސަދްގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކަށް ތިން މަސް ވެފައިވާއިރު ސަލާމަތީ ބާރުތަކުން ބަޑިޖެހުމުން އާންމުންގެ ދޮޅު ހާހެއްހާ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަނެއްކޮޅުން ސޫރިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގައި ބައިނަލް އަޤްވާމީ މުޖްތަމައު ވަނީ ނާކާމިޔާބުވެފަ އެވެ. ސޫރިޔާއަށް ވެދާނެ ގޮތެއް ނޭނގޭތީ އެގައުމާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް ފަސްޖެހެމުންދާއިރު ޗައިނާ އާއި ރަޝިޔާ ގެންދަނީ ލީބިޔާގައި ފެށުނު ފަދަ އަހްލީ ހަނގުރާމައެއް ސޫރިޔާގައި ފެށިދާނެތީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވުމަށް ފަސްޖެހެމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. (ރޮއިޓާސް)