މާލޭ އާޓިފިޝިއަލް ބީޗުގައި ހުންނަ ބްރޭކް ވޯޓާ ރެސްޓޯރެންޓް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 00:50 އެހާކަންހާއިރު ބްރޭކް ވޯޓާ ރެސްޓޯރެންޓް ކުރިމަތިން ހަމަލާދީ 26 އަހަރުގެ ފިރިހެނަކު ޒަހަމް ކޮށްލާފައިވާ ކަަމަށެވެ.

ހަމަލާ ދީފައި ވަނީ އޭނާގެ ބުރަކައްޓަށް ކަމަށާއި ދެ އިންޗި ފުން މިނުގެ ޒަހަމެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުން ރޭ ވަނީ ފަރުވާ ދީފަ އެވެ.

މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރިތޯ ސުވާލު ކުރުމުން ފުލުހުން ބުނީ އެމައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ. އެމައްސަލަ ބަލަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.