26 Jun 2017, 01:09
މިނިސްޓަރު ކަމަށް ވަޑައިގެންނެވިފަހުން ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އީދު ދުވަސް ފާހަގަކުރައްވަނީ މުޅިން ތަފާތުގޮތަކަށެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެކަމަނާ ފިތުރު އީދު ފާހަގަކުރެއްވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފިޔަވަތީގައި ތިބި ކުދިންނާއެކުއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އީދު ދުވަސް ފާހަގަކުރެއްވުމުގެގޮތުން ފިޔަވަތީގައި ބަލަހައްޓަމުންގެންދާ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނާއެކު ކާޓޫން ފިލްމު "ކާޒް 3" ޝްވެކް ސިނަމާގައި އެކަމަނާ ބައްލަވައިލެއްވިކަމަށެވެ.
އެ ފިލްމު ބަލައިލުމުގައި ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންގެ ތެރެއިން 71 ކުއްޖަކާއި އެކުދިން ބަލަހައްޓާ މުވައްޒަފުންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވިއެވެ.
ކާޓުން ފިލްމު ބަލައިލުމުގެ އިންތިޒާމް ހަމަޖެއްސި ކަމަށްޓަކައި ޖެންޑާ މިނިސްޓްރީން ވަނީ ޝްވެކް ސިނަމާއަށް ޝުކުރުއަދާކޮށްފައެވެ. އެކުދިންގެ ދަތުރުގެ ކަންތައް ހަމަޖައްސައިދިން ކަމަށްޓަމައި އެމްޓީސީސީ އާއި އެމްއެންޑީއެފް އަށް ވެސް އެ މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.
މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ހުޅުމާލޭގައި ބާއްވާ "ހޮޓް އެއާ ބެލޫން ފެސްޓިވަލް" ބަލާލުމުގެ ފުރުސަތު ފިޔަވަތީގައި ތިބޭ ކުދިންނަށް ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ކްލަބްމެޑް ކަނިފިނޮޅު ރިސޯޓުންް އިންތިޒާމްކުރާ ޚާއްސަ ކުޑަކުދިންގެ ހަވީރެއްގައި ވެސް ފިޔަވަތީގެ ކުދިން ބައިވެރިކުރާނެއެވެ.
މީގެއިތުރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް އަމާޒުކޮށްގެން ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމަން ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ތިބި އެކި ސަބަބުތަކާހުރެ ދައުލަތުން ބަލަހައްޓާ ކުދިންގެ އަދަދަކީ 166 ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.