ފިލްމު ބެލުމަކީ އެންމެންވެސް ކުރާ ހިތްވާކަމެކެވެ. ކޮންމެ އަހަރަކުވެސް ރިލީޒި ކުރެވޭ އެކި ކަހަލަ އަދި އެކި ރަހަތަކުގެ ފިލްމުތަކަށް އިންސާފު ކޮށްލުން އެއީ އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމެކެވެ. މީގެ އަހަރުތަކެއް ކުރިން ހޮލީވުޑުން އަދި ބޮލީވުޑުން ނެރޭ ފިލްމުތައް އެގައުމުތަކުގައި އަޅުވާ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ބަލާލަން ލިބުމަކީ ވުމަށްވުރެން ނުވުން ގާތްކަމެކެވެ.

ނަމަވެސް ޒަމާން ބަދަލުވެ ޝްވެކް އިންޓަނެޓުގެ ޚިދުމަތާއި އަދި ރާއްޖޭގައި ބޭރުދުނިޔޭގެ ނަންމައްޝޫރު ފިލްމުތައް ބޭރުގެ ޕްރިމިއާ ތާރިޚުގައި ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް ވުޖޫދަށް އައި ޝްވެކް ސިނަމާގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް ބޮޑެތި ފިލްމުތައް ވަގުތުން ބަލާލެވެއެވެ.

މިފަހަރު މިބަލާލަނީ ފިލްމުތައް ބަލާލުމުގައި ދިވެހީންނަށް މިއަދު ހުރި ފަސޭހަތަކުގެ މައްޗަކަށް ނޫނެވެ. މިފަހަރު މިބަލާލަނީ މިއަހަރުގެ މިހާތަނަށް އައި އިރު ތިޔަބޭފުޅުންނަށް ފަހަރުގައި ނުބެލި ހުރި، އެކަމަކު ފެންވަރު ރަނގަޅު ފިލްމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ފިލްމުތަކަށެވެ.

ދަ ރެޑް ޓާޓަލް

ސްޓޫޑިއޯ ގިބްލީއަކީ ދިވެހިންގެ ތެރެއިން މަދު ބަޔަކަށް ނަމަވެސް އެނގޭ ވަރަށް ވަރުގަދަ ޕްރޮޑަކްޝަން ހައުސްއެކެވެ. މި ސްޓޫޑިއޯ ގިނަބަޔަކަށް ނޭނގުނު ކަމުގައިވިއަސް "ސްޕިރިޓެޑް އަވޭ" ނޭނގޭ ޒުވާނެއް މަދުވާނެއްވެ. މިފަހަރު މި ބަލާލަނީ މި ސްޓޫޑިއޯ އިން އެންމެ ފަހުން ނެރުނު ޑައިލޮގްލެސް ނުވަތަ އެއްވެސް ކަހަލަ ވާހަކައެއް އެއްވެސް ވަރަކަށް ނުދައްކާ ފިލްމަކަށެވެ. އެއީ "ދަ ރެޑް ޓާޓަލް" އެވެ. މިފިލްމުގައި ދައްކުވައިދެނީ ތޫފަނެއްގައި ކަނޑުމަތިވެ ރަށަކަށް ބެހިގެންދާ ފިރިހެނަކަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކަކަށެވެ. މިފިލްމުގައި ވާގޮތް އިތުރަށް ތަފްސީލު ކުރުމަށްވުރެ ތިޔަބޭފުޅުން މިފިލްމަށް އިންސާފު ކޮށްލުން މުހިންމެވެ. ހަނދުމަފުޅުގައި ބަހައްޓަންވީ އެންމެ މުހިއްމު ކަމަކީ މިފިލްމުގެ ޓައިޓަލްއެވެ. ފިލްމު ބަލާލުމުން އެއީ ކީއްވެގެން ކަން އެނގޭނެއެވެ.

ދަ ސްޕޭސް ބިޓްވީން އަސް

މިއީ ލޯބީގެ ފިލްމެކެވެ. މިހެން ދެންނެވުމުން ދިޔަ ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކަށް ފަހަރުގައި ކަމުނުގޮސްފާނެއެވެ. ނަމަވެސް މިއީ އާދައިގެ ލޯބީގެ ފިލްމެއް ނޫނެވެ. މާސް އަށް ދަތުރުކުރާ އެސްޓްރޮނޯޓެއް އޭނާ ބަލިވެ އިންކަން ސިއްރުކޮށް އެ ޕްލެނެޓައް ފޯރައެވެ. އަދި ފިރިހެން ކުއްޖަކު ވިހައެވެ. ނަމަވެސް މިއީ ބައިނަލްއަގުވާމީ ޖައްވުގެ ގަވާއިދުތަކާއި ޚިލާފު ކަމަކަށްވާތީ އެ އެސްޓްރޮނޯޓް ފޮނުވި ފަރާތުން އެކަން ސިއްރުކޮށް އެކުއްޖާ މާސްގައި ބޮޑުކުރަން ނިންމައެވެ. އަހަރުތަކަކަށްފަހު އެކުއްޖާ ޒުވާނަކަށްވެ އޭނާ އެމެރިކާގައި އުޅޭ އަންހެން ކުއްޖަކާ އިންޓަނެޓްގެ ޒަރީއާއިން ބައްދަލުވެ ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދެއެވެ. ދެން ކަންވެގެންދާ ގޮތް ބައްލަވާލެއްވުން އެއީ ތިޔަބޭފުޅުންގެ އަތްމަތީގައި އޮތްކަމެކެވެ.

ޖޯން ވިކް ޗެޕްޓާ 2

ދެހާސް ސާދަ ވަނަ އަހަރު ނުކުތް "ދި މެޓްރިކްސް ޓްރިލޮޖީ" އިން އެންމެންގެ މަގުބޫލުކަން ހޯދި ކިއާނޫ ރީވްސްއަކީ ފުދޭވަރަކަށް ތަފާތު ފިލްމުތަކެއްގައި އެކްޓުކޮށްފައިވާ މީހެކެވެ. ރީވްސް އަށް ފަހުގެ ތާރީޚުގައި ކުޅެވުނީ މީހުން ބަލައިގަންނަ ކަހަލަ މަދު ފިލްމެކެވެ. ނަމަވެސް އެކަންވަނީ 2014 ގައި މުޅިންހެން ބަދަލުވެގެން ގޮސްފައެވެ. "ޖޯން ވިކް" ގެ ނަމުގައި އެއަހަރު ނުކުތް ފިލްމަކީ އޭގައި ހިމެނުނު ތަފާތު މޮޅު ފައިޓް ކޮރެއޮގްރަފީ އަދި ސްޓޯރީލައިންގެ ސަބަބުން އެންމެންގެ ހިތްދަމައިގަން ފިލްމެކެވެ. އޭގެ ފަހުން މިއަހަރު މިވަނީ އެފިލްމުގެ ދެވަނަ ބައި "ޖޯން ވިކް ޗެޕްޓާ 2" އަނެއްކާވެސް ބެލުންތެރިންގެ ހިތްތަށް އިތުރަށް ފަތަހަކޮށްފައެވެ. ފުރަތަމަ ފިލްމުގައި ހަވާސާ އަޅާލަދިން "ދި ކޮންޓިނެންޓަލް" އަދި ކްރިމިނަލް އަންޑަވޯލްޑަށް މިފަހަރު ވަނީ ފުރަތަމަ ފިލްމަށް ވުރެން ބޮޑަށް ބަލާލާފައެވެ. ފުރަތަމަ ފިލްމެކޭވެސް އެއްފަދައިން މިފަހަރުވެސް މިފިލްމުގައި ތަފާތު އަދި އާދަޔާޚިލާފް ފައިޓް ސީންތަކެއް ހިމެނިފައިވެއެވެ. މި ފައިޓިންގް ސްޓައިލަށް ދެވިފައިވާ ނަމަކީ "ގަން ފޫ" އެވެ. މިއީ އަޅުގަނޑަށްވެސް ވަރަށް ކަމުދިޔަ ފިލްމެކެވެ.

ގެޓް އައުޓް

މިއީ މިހާތަނަށް ބަލާލެވުނު އެންމެ ފުރިހަމަ އަދި ޝައުގުވެރިކަން އެކަށީގެންވާ ހަމައެއްގައި ފިލްމު ފެށިގެން ނިމެންދެން ހިފެހެއްޓިފައި ހުރި ފިލްމެކެވެ. މިފިލްމުގައި ދައްކުވައިދެނީ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ފިރިހެނަކު އެގައުމުގެ ދޮން ނަސްލަށް ނިސްބަތްވާ އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެދެމީހުން އަންހެންކުއްޖާގެ އާއިލާ ކައިރިއަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުމުގެ ތެރޭގައި މި ފިރިހެން ކުއްޖާއަށް ދިމާވާ ބިރުވެރި އަދި އާދަޔާ ޚިލާފު ކަންތައްތަކެވެ. އެމެރިކާގައި އަދިވެސް ކަޅު ނަސްލުގެ މީހުންނަށް ތަހައްމަލު ކުރަންޖެހިފައިވާ ނަސްލީ ތަފާތުކުރުންތައް ވަރަށް ފުރިހަމަ ގޮތެއްގައި މި ފިލްމުން ދައްކުވައިދެއެވެ.

ކިމިނޯ ނަވާ (ޔުއަ ނޭމް)

ކިމިނޯ ނަވާ (ޔުއަ ނޭމް)

މިފަހަރު މިލިސްޓުގައި މިއޮތީ ލައިވް އެކްޝަން ފިލްމެއް ނޫނެވެ. މިލިސްޓްގައި ހިމެނޭ ދެވަނަ އެނިމޭޓެޑް ފިލްމަކީ ޖަޕާނުގެ އެނިމޭއެކެވެ. ފުރަތަމަ ފިލްމަކީ "ދި ރެޑް ޓާޓަލް" އެވެ. މިއީވެސް ލޯބީގެ ހާދިސާއެއް ދައްކުވައިދޭ ފިލްމެކެވެ. ނަމަވެސް މިއީ އާދަޔާ ޚިލާފު ލޯބީގެ ފިލްމެކެވެ. ބޮޑީ-ސްވެޕް އެއީ ހޮލީވުޑްގައި ވަރަށް ގިނައިން އަލިއަޅުވާލާ ދާއިރާއެކެވެ. "ފްރީކީ ފްރައިޑޭ" އަދި "އިޓްސް އަ ބޯއީ ގާލް ތިންގް" ފަދަ ފިލްމުތަކުގައިވެސް ދައްކުވައިދެނީ ބޮޑީ ސްވެޕިން ނުވަތަ ދެމީހުންގެ ހަށިގަނޑު އެކަކު އަނެކަކާ ބަދަލުވުމުން ދިމާވާ ކަންތައްތަކެވެ. ނަމަވެސް "ކިމިނޯ ނަވާ (ޔުއަ ނޭމް)" ތަފާތުވާ އެތައް ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. ނަމަވެސް މީގެ ތަފްސީލު ދީފިނަމަ ފިލްމުގެ މުހިންމު އެތައް ކަމެއް "ސްޕޮއިލް" ކޮށްލެވުނީއެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މިފިލްމަކީ މިވަގުތު ޖަޕާނުގެ އެނިމޭޓެޑް އުފެއްދުން ތަކުގެ ތެރެއިން މުޅި ދުނިޔެއިންވެސް އެންމެ ބޮޑު އާންމުދަނީ އެއް ހޯދި އެނިމޭކަމެވެ.