17 Jul 2011, 03:30
3:34 މާލޭ ހުޅަނގު ދެކުނު ހާބަރުގެ ފިހާރައަކާއި ސައި ވިއްކާ ފަސް ކަޑައެއްގައި އަލިފާން ރޯވެ ބޮޑު ބައެއް އަނދައި ހުލިވެއްޖެ އެވެ. އަލިފާން ރޯވެފައި ވަނީ ހާބަރުގެ އަމީނީ މަގާވީ ފަޅީގެ ކަޑަތަކުގަ އެވެ. މިރޭ އަލިފާން ރޯވީ 2:45 އެހާކަންހާއިރު އެވެ.
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެމްއެންޑީއެފްގެ މޭޖާ އަބްދުއް ރަހީމް ވިދާޅުވީ ފިހާރައަކާއެކު ހާބަރުގެ ފަސް ތަނެއްގައި ރޯވެފައިވާ ކަމަށާއި ގާތްގަނޑަކަށް ހުރިހާތަނެއް ވެސް އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސިފައިންނާއި އާންމުން ގުޅިގެން މިހާރު އަލިފާން ކޮންޓްރޯލުކޮށްފައިވާ ކަމަށާއި ނަމަވެސް ބައެއް ދިމާ ދިމާއިން އަދިވެސް މުޅިން އަލިފާން ނިއްވައި ނުލެވޭ ކަމަށެވެ.
އެސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވީ އެ ސަރަހައްދުގައި ހުރި ފިހާރައެއްގަ އެވެ. އޭގެ ފަހުން އިތުރު ފިހާރައެއްގައި ރޯވެ ޖެހިގެން ހުރި ސައިވިއްކާ ތިން ތަނަކަށް އަލިފާން ފެތުރުނީ އެވެ.
ފުރަތަމަ އަލިފާން ރޯވީ އެ ސަރަހައްދުގައި ހުންނަ "އައްޑާ" އާ ޖެހިގެން ހުރި ދެ ފިހާރައިގެ ކަރަންޓް ބޯޑުގަ އެވެ. ބޯޑު ގޮވުމަށް ފަހު އަލިފާން ރޯވެ އެހެން ދިމާދިމާއަށް އަލިފާންގަނޑު ފެތުރުނު ކަމަށާއި ބާރު އަޑެއް އިވުނު ކަމަށް ވެސް ބައެއް ފަރާތްތަކުން ބުންޏެވެ.
މޭޖާ އަބުދުއް ރަހީމް ވިދާޅުވީ އަލިފާން ރޯވި ސަބަބު އަދި ނޭނގޭ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.
ހާބަރުގެ ކަޑަތަކުގައި ރޯވުމާ ގުޅިގެން އެ ސަރަހައްދުގެ ހުރިހާ ކަޑައެއްގެ އެއްޗެހިވެސް ބޭރަށް ނެރެ ސަލާމަތީ ފިޔަވަޅު އެޅުމަށްފަހު މިހާރު ވަނީ އެތެރެއަށް ވައްދާފަ އެވެ.