17 May 2010, 10:25
14:30
އީރާނުގައި ހުރި ނިއުކްލިއާ މާއްދާތައް ޕްރޮސެސްކުރުމަށްޓަކައި އެމާއްދާތައް ތުރުކީއަށް ގެންދިޔުމަށް އެދެގައުމުން އެއްބަސްވެއްޖެ އެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ވާހަކަދެއްކި އޮފިޝަލަކު މައުލޫމާތުދިން ގޮތުގައި މިގޮތަށް އެއްބަސްވެފައިވަނީ އީރާނުގެ ރައީސް މަހުމޫދު އަހުމަދީނީޖާދާއި ތުރުކީގެ ބޮޑުވަޒީރު ތައްޔިޕް އެރްޑޮގާން އަދި ބްރެޒިލްގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަސިލްވާ އިއްޔެ ތެހެރާނުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަކަށްފަހު އެވެ. އަދި މިއެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށާއި މިއެއްބަސްވުމުގެ ދަށުން 1200 ކިލޯގެ ޔުރޭނިއަމް ތުރުކީއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް އެފަރާތުން ބުނެ އެވެ.
އީރާނުން މިގޮތަށް އެއްބަސްވެފައިވަނީ ތުރުކީ އާއި ބްރެޒިލްގެ ލީޑަރުން ތެހެރާނަށް ކުރައްވާ މިދަތުރުފުޅަކީ އ.ދގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިޔަނުދިނުމަށް އީރާނަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް އެމެރިކާ އާއި ރަޝިޔާ އިން ބުނެފައިވަނިކޮށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށްޓަކައި ގެންގުޅޭ ޕްރޮގްރާމެއް ކަމަށް ހުޅަނގުގެ ގިނަ ގައުމުތަކުން ތުހުމަތުކޮށްފައިވާއިރު މިއެއްބަސްވުމަކީ ހުޅަނގުގެ ގައުމުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މުރާސިލުން ބުނެ އެވެ.
އީރާނާއެކު ބްރެޒިލް އަދި ތުރުކީގެ ލީޑަރުން މިގޮތަށް އެއްބަސްވުމުގެ ކުރިން ބްރެޒިލްގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަސިލްވާ ވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރައްވައި މިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.