އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު އިތުރު ތަމްރީން ހޯދަން މި ރޭ ތައިލެންޑަށް ފުރައިފި އެވެ.

ޓީމް ތައިލެންޑަށް ފުރުމުގެ ކުރިން ޓީމްގެ ކެޕްޓަން އިޝާން މުހައްމަދު )ބަޓިސް( ބުނީ، ތައިލެންޑަށް ކުރާ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި އެގޮތުން އެޤައުމުގައި ކުރާ ފަރިތަކުރުންތަކާއި އެ ޤައުމުގެ ފުރަތަމަ ޑިވިޝަނުގެ ކްލަބަކާއެކު ކުޅޭ މެޗް ތަކުގެ އަލީގައި މިފަހަރުގެ މުބާރާތުގައި ރަނގަޅު ވަނައެއް ގެނައުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަދި މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ތައިލޭންޑްގައި ޓީމުގެ ފަރިތަކުރުންތައް ކުރުމަށްފަހު މާލެ އަންނާނެ ކަމަށް ވެސް ބަޓިސް ބުންޏެވެ.

ބަޓިސްގެ އިތުރުން ޓީމްގެ ވައިސް ކެޕްޓަން އަހުމަދު އަބްދުލް ކަރީމް )ލޯންގޭ( ބުނީ، ތައިލެންޑުގައި ޓީމް ކުރާ ފަރިތަކުންތަކުގެ ތަޖުރިބާތަކަށް ބެލުމަށްފަހު، ޓީމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އަންނަ އޯގަސްޓް މަހުގެ 5 އިން 15 އަށް ސީޝެލްސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑަށްކުރާ ދަތުރުގައި ޤައުމީ ޓީމްގެ 12 ކުޅުންތެރިޔަކު ހިމެނޭއިރު، ހެޑު ކޯޗަކީ ޝަރަފެވެ. އަދި ޓްރޭނަރަކީ އަބްދުﷲ ނަޝީދު އެވެ.