25 Jun 2017, 00:00
ދ. ބަނޑިދޫން މިއަހަރު ފިތުރު ޒަކާތް ހައްގުވަނީ އެންމެ ދެ މީހުންނަށް ކަމަށާއި އެއިން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 11991.50 ރުފިޔާ ބަހާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ބަނޑިދޫ ކައުންސިލްގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ ފަގީރުންގެ ގޮތުގައި އެރަށުން ހަތަރު މީހުން ނަންނޯޓް ކުރި ކަމަށެވެ. ނަމަވެސް ފަގީރުންނަކީ ކޮބައިކަން ކަނޑައެޅުމުގައި އަމަލުރުމަށް އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުސުލުގެ ދަށުން ފަގީރުންނަށް ވަނީ އޭގެތެރެއިން ދެ މީހުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ރަށުގެ 946 މީހަކު ޖުމްލަ 23983 ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އެ އަދަދު ދެމީހުންނަށް ހަމަހަމައަށް ބަހާލުމުން މީހަކަށް ޖެހެނީ 11991.50 ރުފިޔާ ކަމުގައިވާތީ، އެގޮތުގެ މަތިން އެމީހުންނާ ފައިސާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.