24 Jun 2017, 22:42
ބަނގުރާ ބޯންތިބި ކަމުގެ ތުހުމަތުގައި މއ. ގޮމަށިގެއިން ހައްޔަރުކުރި ފިލްމީ ތަރި އަދި ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުން ކަމަށެވެ. ނަމަވެސް މުއާޒު ދޫކޮޮށްލީ ކޮން ދުވަހަކު ކަމެއް އޮފިޝަލް ވިދާޅެއްނުވެއެވެ.
ކަފާލާތުގެ ދަށުން މުއާޒު ދޫކޮށްލީ އޭނާ ކިހާ އަދަދެއްގެ ފައިސާ ކްރިމިނަލް ކޯޓަށްދީގެން ކަމެއް އަދި ސާފެއްނުވެއެވެ.
މއ. ގޮމަށިގޭގެ ތެރެއިން މުއާޒު ހައްޔަރުކުރީ އިތުރު ބަޔަކާ އެކު އެގޭގެ ތެރޭގައި ބަނގުރާ ބޯންތިބި ކަމުގެ ތުހުމަތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެރޭ ހައްޔަރުކުރުމަށްފަހު ޖެހިގެން އައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ފަސް ދުވަހަށް އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.