16 Jul 2011, 20:09
އަންނަ އަހަރުގެ ދިވެހި ލީގް ފުޓްބޯޅަ މުބާރާތައް ކޮލިފައިވާން ކުޅޭ ދިވެހި ލީގް ކޮލިފައިންގައި
ހުރާ ކޮޅަށް ދެ ލަނޑު ޖަހައިގެން މެޗް ކާމިޔާބުކޮށް، ވިޔަންސާ ރަނގަޅަށް ފަށައިފި އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ވިޔެންސާއިން ޖެހީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެކުލަބްގެ ބިދޭސީ ކުޅުންތެރިޔާ އެވެ.
މެޗްގެ ކުރީކޮޅު ވިޔެންސާއިން ލަނޑެއް ޖެހުމުން، ހުރާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ފުރަތަމަ 15 މިނެޓުގައި ކުޅުނު ކުޅުމަށްވުރެ ވެސް ދެރަ ކުޅުމެކެވެ. އެހެންނަމަވެސް ހުރާ އަށް ލަނޑުޖަހާނެ ދެ ފުރުޞަތެއް މެޗްގެ ކުރީ ކޮޅު ލިބި ވަނީ ބޭކާރުވެފަ އެވެ. ދެވަނަ ހާފުގައި ވިޔެންސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހުރާ ޓީމްގެ މުހައްމަދު ތަސްނީމަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ހުރާ އަށް ޕެނަލްޓީއެއް ވެސް ދިނެވެ. އެ ޕެނެލްޓީ ޖެހީ ވެސް ތަސްނީމެވެ. ނަމަވެސް އޭނާ ފޮނުވައިލި ބޯޅަ ވިޔެންސާގެ ބިދޭސީ ގޯލްކީޕަރު ވަނީ އަތުލައިފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ގިނައިރު ތަކެއް ނުވަނީސް ވިޔެންސާގެ އަހުމަދު ގިތުރީސް އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 2-0 ލަނޑަށް ބަދަލުކުރި އެވެ.
އެ ލަނޑު ހުރާ ކޮޅަށް ޖެހިއިރު، ހުރާގެ ގޯލްކީޕަރު އަހުމަދު އަރީސް އޮތީ ދަނޑުމައްޗަށް ވެއްޓިފަ އެވެ. އަރީސް ވެއްޓުނީ ވިޔެންސާގެ ކުޅުންތެރިއަކު ކުރި ފައުލަކުން ކަމަށް ބުނެ ހުރާ ކުޅުން ތެރިންނާއި މެޗު ބަލަން ގޮސްތިބި ހުރާގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ހުރާގެ ބެންޗުގައި އިން ކުޅުންތެރިޔަކަށް ރެފްރީ ވަނީ ރަތެއް ދައްކާ ބެންޗުން ވެސް ފޮނުވާލައިފަ އެވެ. މެޗުގައި ހުރައަށް ލަނޑެއް ޖެހޭ ވަރެއް ނުވިއެވެ.
މެޗަށްފަހު ވިޔެންސާގެ މެނޭޖަރު މުހައްމަދު އަމްޖަދު )އަމްޖޭ( ބުނީ، ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ މެޗުން މޮޅުވުމުން އިތުރު ހިތް ވަރެއް ލިބިއްޖެ ކަމަށެވެ.
ހުރާގެ އެސިސްޓެންޓް ކޯޗް އާތިފް މުހައްމަދު )އާތީ( ބުނީ، ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މެޗް ކޮންޓުރޯލް ކުރުމަށްޓަކައި ދަނޑަށް ނުކުމެ ހުރި ރެފްރީގެ ނިންމުންތައް އެހާ ފުރިހަމަ ނޫން ކަމަށެވެ. އަދި މުޅިމެޗްގައި ވެސް ކުޅުނީ ހުރާގެ ކުޅުން ތެރިންކަމަށާއި ވިޔެންސާ ކަހަލަ ޓީމަކާއެކު ކުޅޭ ފެންވަރަށް ވުރެ ހުރާގެ ކުޅުން މާމޮޅު ކަމަށް ވެސް އާތީ ބުންޏެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ހުރާ އާއި ވިޔަންސާގެ އިތުރުން ރެލިގޭޝަނުގައި ދެން ވާދަކުރަނީ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީ އާއި ދިރާގު ދިވެހި ލީގުގެ ހަތް ވަނައިގައި އޮތް އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ.
ލީގު އުސޫލުން އެއް ބުރު ކުޅޭ ކޮލިފިކޭޝަނުގެ ގަދަ ދެ ޓީމަށް އަންނަ އަހަރު ދިރާގު ދިވެހި ލީގުން ޖާގަ ލިބޭނެ އެވެ. ފުލަށް ދާ ދެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.
ދެ ވަނަ ޑިވިޝަނުން ވާދަކުރާ ޓީމުތަކުގެ ތެރެއިން ހުރަ އަކީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގަދަ ބާރެކެވެ. ފުރަތަމަ ޑިވިޝަނުގައި ދިހަ އަހަރު ހޭދަކުރުމަށް ފަހު އެ ޓީމު ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ 2006 ވަނަ އަހަރު އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ދެ ޓީމަކީ އޭވައިއެލް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.