24 Jun 2017, 21:48
މޯލްޑިވްސް ސޮކާ މޭޓްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ވެޓެރެންސް ކަޕްގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓުން ދިފާއުކޮށްފިއެވެ.
އެފްއޭއެމް ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުން ނިއު ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
ސެމީ ފައިނަލްގައި މި ދެޓީމް ވާދަކޮށްފައިވާއިރު އެ ފަހަރު ނިއު މާޒިޔާ އަތްދަށުވި ނަމަވެސް އެޓީމުންވަނީ މިއަދު މޮޅު ކުޅުމެއްދައްކައި މާޒިޔާގެ މައްޗަށް ކުރި ހޯދާފައެވެ.
މިއަދުގެ މެޗުގައި ނިއުއަށް ގޯލް ޖަހައިދިނީ ހުސްނީ އަބުދުއްރަހުމާނާއި ކެޕްޓަން އަލީ ޝަމީމެވެ. މާޒިޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މުބާރާތުގެ އެންމެ އަޚްލާގު ރަނގަޅު ކުޅުންތެރިޔާ އަހުމަދު ނާޝިދެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުބާރަތުގައިވެސް މޮޅު ކުޅުމެއްދެއްކި ނިއުގެ ކެޕްޓަން އަލީ ޝަމީމެވެ. އަދި ކޮންމެ މެޗެއްގައިވެސް ހޮވާ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ އަބުދުﷲ އިބްރާހީމެވެ.
ފައިނަލް މެޗަށް ފަހު ވަނަވަނަ އަށްހޮވުނު ކުޅުންތެރިންނާއި ޓީމްތަކަށް އިނާމާއި ތަށި ހަވާލުކޮށްފައިވާއިރު ނިއު ފައިނަލަށް ދަތުރުކުރީ މުބާރަތުގެ އެންމެ ކާމިޔާބު ޓީމް ވެލެންސިއާ ބަލިކޮށްގެންނެވެ.