ނަތީޖާ ނުނެރެވޭ ކަމަށް ބުނެ ނިއުރޭޑިއަންޓްގެ ކޯޗް ބެނާޑޯ ޓަވަަރޭސް މަގާމުން ވަކިކޮށްފިއެވެ.

ޓަވަަރޭސް މަގާމުން ވަކިކުރިކަން ނިއުގެ އޮފިޝަލަކު ވަނީ "ސަން" ސްޕޯޓްސް އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

މާލޭ ލީގުގައި ރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ނިއުރޭޑިއަންޓް 4-3 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު އޭގެ ކުރިން މި އަހަރު އަލަށް އެއްވަނަ ޑިވިޝަނަށް ކޮލިފައިވި ގްރީން ސްޓްރީޓް އަތުން އެޓީމްވަނީ ބަލިވެފައެވެ.

މިވަގުތު ތާވަލްގެ އެއްވަނާގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް ނަމަވެސް އެ ކުލަބްގެ ފެންވަރާ ގާތަށްވެސް ނުކުޅެވޭ ކަމަށް ބުނެ ބައެއް ސަޕޯޓަރުން ވަނީ ޓަވަރޭސަށް ފާޑުކިޔާފައެވެ.

ރާއްޖެގޭ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޔާޒް މުސާ (ޓެޑް) ވިދާޅުވީ ކޯޗް މަގާމުން ވަކިކުރީ ކްލަބުގެ މެނޭޖުމަންޓުން ކުރާ މަސައްކަތާއި ކުލަބުގައި އޮތް ސްކޮޑަށް ބަލާއިރު ކްލަބުން އެންމެ ހިތް ހަމަޖެހޭ ނަތީޖާއެއް ނުނެރެވޭތީ ކަމަށެވެ.

ޕޯޗުގަލް އަށް އުފަން އުމުރުން 37 އަހަރުގެ ޓަވަރޭސް މީގެ ކުރިން ވަނީ ވަރުގަދަ ކްލަބް ތަކަކަށް ކޯޗްކަންކޮށްދީފައެވެ. އެގޮތުން ޕޯޗުގަލްގެ ގަދަބާރު ބެންފީކާގެ ޖޫނިއާ ޓީމަށް އޭނާ ކޯޗްކަން ކޮށްދީފައިވާއިރު ސްޕޯޓިން ލިސްބަން އެކަޑަމީަގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.