ގަތަރު މައްސަލައިގައި ގަލްފުގެ ގައުމުތަކުން ކަންތައްތަކެއް ހުށަހެޅުމުން އެކަންކަން ހައްލުކުރުމަށް މަޝްވަރާކުރުމުގެ ބަދަލުގައި ގަތަރުން އިހްތިޔާރުކުރީ، ގަލްފުގެ ގައުމުތަކުން އެދިފައިވާ ކަންތަތަކުގެ ލިސްޓު މީޑިއާކުރިމަތީ ބޭޒާރުކޮށްލުންކަމަށް ޔުނައިޓެޑް އަރިބް އެމްރޭޓްސް (ޔޫއޭއީ)އިން ބުނެފިއެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަންވަރު ގަރްގާޝް، ޕްރެސްކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަތަރު މައްސަލަ ހައްލުކުރުމަށް، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ކުވައިތުން ކުރި މަސައްކަތަށް ގަތަރުން އެއްވެސް އިހްތިރާމެއް ނުކުރި ކަމަށެވެ.

ގަލްފުގެ ޑިމާންޑުތައް މީޑިއާއަށް ލީކުކޮށްލި މައްސަލަ ގަރްގާޝް ސިފަކުރެއްވީ، ތާކުންތާކު ނުޖެހޭ ގޮތެއްނެތް އަމަލެއްގެ ގޮތުގައެވެ. ގަތަރުން ކުރަމުންދާ މަސައްކަތަކީ އީރާނުގެ އެޖެންޑާތައް ޕްރޮމޯޓްކުރުން ކަމަށްވެސް ގަރްގާޝް ވިދާޅުވިއެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަންވަރު ގަރްގާޝް-- ފޮޓޯ: އަލް އަރަބިއާ

މި ހަފްތާގެ ކުރީކޮޅު ކުވައިތުން ވަނީ، ސައުދީ އަރަބިއާ، ބަހްރެއިން، ޔޫއޭއީ، އަދި މިސްރު ހިމެނޭގޮތަށް، ގަތަރަށް ވަކިކަންތައްތަކެއް ކުރުމަށް ހުށަހަޅައިފައެވެ. އަދި އެކަންކަން ފުރިހަމަކުރުމަށް ދޯހާއަށް 10 ދުވަހުގެ މުހުލަތެއްވެސް ދިނެވެ.

އެސޯސިއޭޓެޑް ޕްރެސްއާ ހަވާލާދީ އަލް އަރަބިއްޔާގައި ވާގޮތުން، ފަސްގައުމު ގުޅިގެން ކުވައިތުން ހުށަހެޅި ލިސްޓުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، އަލް ޖަޒީރާ ބަންދުކުރުމާއި، އީރާނާ އެކު ވަގުތުން ޑިޕޮލޮމެޓިކް ގުޅުން ކަނޑާލުމާއި، ގަތަރުގައި ތުރުކީން ގާއިމުކުރާން އުޅޭ މިލިޓަރީ ބޭސްގެ މަސައްކަތް ހުއްޓުވުމާއި، އަދި ނޭޓޯގެ މެންބަރު ގައުމުތަކާ ގުޅުންކަނޑާލުން ހިމެނެއެވެ.

ގަރްގާޝް ސިފަކުރައްވާގޮތުން، އަލް ޖަޒީރާއަކީ، ގަލްފު ސަރަހައްދުގައި ހަރުކަށި ޖަމާއަތްތައް އުފެއްދުމަށާއި ހައްދުފަހަނަޅައިދިއުމާއި ހަރުކަށި ފިކުރު ކުރިއެރުވުމަށް މަސައްކަތްކުރާ ނޫހެކެވެ.

"އަހަރެމެން މަސައްކަތްކުރަމުން މިދަނީ ގަތަރުން ޓެރަރިޒަމަށް އެހީތެރިވުން ހުއްޓުވަން...، މީގެކުރީން ގަތަރުން ކުރަމުން އައިކަންކަން މިހާރު ދެން އަހަރެމެންނަށް ބަލައިގަނެވޭކަށް ނެތް،" ގަރްގާޝް ވިދާޅުވިއެވެ.

މިދިޔަ މަހުގެ ތެރޭގައި ސައުދީ، މިސްރު، ޔޫއޭއީ، އަދި ބަހްރެއިނުން ވަނީ ގަތަރަކީ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވާ ގައުމެއްކަމަށް ބުނެ، އެގައުމާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފައެވެ. މި ހަތަރު ގައުމުން ވަނީ ގަތަރަކީ، ހަރުކަށި ފިކުރުގެ އިސްލާމީ ހަނގުރާމަވެރީންނަށް ވާގިވެރިވާ އަދި އީރާން ޕްރޮމޯޓުކުރުމަށް މަސައްކަތްކުރާ ގައުމެއް ކަމަށް ބުނެފައެވެ.

*---މަސްދަރު: އަލް އަރަބިއާ