16 Jul 2011, 19:17
އަޕަ ނޯތު ޔުޓިލިޓީސް ކުންފުނިން ހދ. ކުޅުދުއްފުށީން ހއ. ދިއްދޫއަށް މިއަދު ގެންދިޔަ ޖަނަރޭޓަރެއް ދިއްދޫއަށް ބާލަން އުޅެނިކޮށް ފުރޮޅާލައިގެން މޫދަށް ވެއްޓިއްޖެ އެވެ. މިހާދިސާގައި އެކެއްގެ އަތް ޒަހަމްވެ އިތުރު މީހެއްގެ ފަޔަށް ވަނީ ގެއްލުންތައް ލިބިފަ އެވެ. ދިއްދޫ ހޮސްޕިޓަލުން ބުނީ އެ ދެމީހުންނަކީ ކުޅުދުއްފުށީ ދެމީހުން ކަމަށާއި އެމީހުންނަށް އިތުރު ފަރުވާދާނެ ކުޅުދުއްފުއްޓަށް ފޮނުވާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކުޅުދުއްފުށިން ދިއްދޫއަށް ގެންދިޔަ ޖަނަރޭޓަރެއް މިއަދު ހަވީރު މޫދަށް ވެއްޓު ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާގައި ދޯންޏަށް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
"އިތުރު ތަފުސީލެއް އަދި ނުލިބޭ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
މަންޒަރު ދުއް މީހާ ބުނީ "ރަސް އައިން" ކިޔާ ކުޑަ ދޯންޏެއްގައި ޖަނަރޭޓަރު ހިފައިގެން ދިއްދޫ ބަނދަރަށް ލެފިއިރު ދިވަޔަރު އޮތީ ވަރަށް އަޑިކޮށް ކަމަށާއި ޖަނަރޭޓަރު ވެއްޓުނީ ފިލާ އަޅައިގެން ބާލަން އުޅެނިކޮށް އަރި އަޅައިލައި ކޮންޓްރޯލް ނުވެގެން ކަމަށެވެ.
"ޖަނަރޭޓަރުވީ މޫދު އަޑީގައި އެ ނަަގަން އެހާ ފަސޭހައެއް ނުވާނެ. އެކަމަކު ފުލުހުންނާއި އެހެން މީހުން އެ ނެގޭތޯ މަސައްކަތް ކުރަމުން އެބަދޭ،" އޭނާ ބުންޏެވެ.
އޭނަ އަދި ބުނީ ޖަނަރޭޓަރު ވެއްޓުނު ހާދިސާގައި އަނިޔާވިި ދެމީހުންނަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
ދިއްދޫއަށް ބާލަން އުޅެނިކޮށް ވެއްޓުނީ 450 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ. މިކަމާ ބެހޭ ގޮތުން ދިއްދޫ ކައުންސިލާއި ޔުޓިލިޓީ ކުންފުނީގެ ބަހެއްވެސް ލިބޭ ގޮތެއް ނުވި އެވެ.