ލަ ލީގާއާއި ޔޫރަޕްގެ ޗެމްޕިއަންސް ރެއާލް މެޑްރިޑުން މޮނާކޯގެ ހުނަރުވެރި ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެ ޓީމަށް ގެނެސްފި ނަމަ، ރެއާލްގެ ފޯވާޑްލައިނުން ބާކީވާނޭ ކުޅުންތެރިއެއް ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވޭލްސް ތަރި ގެރެތު ބޭލް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ، ލެކީޕްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޮނާކޯ ދޫކޮށް ރެއާލަށް އެމްބާޕޭ ބަދަލުވެއްޖެ ނަމަ އެކަން ވެގެންދާނީ، ސަންތިއާގޯ ބެރްނަބެއު ދޫކޮށްލަން ބޭލަށް މަޖްބޫރުކުރުވާނޭ ކަމަކަށެވެ.

ކަރިމް ބެންޒެމާ ގެރެތު ބޭލްއާއެކު އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

ރިޕޯޓުތައް ބުނާގޮތުން، ބެލެވޭގޮތުގައި ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން މިހާރު ވަނީ، ސިއްރިއްޔާތުގައި އެމްބާޕޭއާ ބައްދަލުކޮށް އޭނާ ރެއާލަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެކަމުގައި ރެއާލްގެ ފޯވަޑްލައިނުން މުހިއްމު ކުޅުންތެރިއެއް ވިއްކާލަން ޖެހުނަސް އެކަން ކުރަން ޒިދާން ތައްޔާރުކަމަށް ވެއެވެ.

އެހެންކަމުން، ބޭލްގެ އިތުރުން ރެއާލްގެ ނުރައްކާތެރި ފޯވަޑްލައިނުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކަރިމް ބެންޒެމާ ހިމެނޭއިރު، އޭގެތެރޭން ގުރުބާންކުރަން ޒިދާން އެންމެ ގަޔާވާނީ ޓޮޓެންހަމްގެ ކުރީގެ ވިންގަރ ބޭލްއެވެ.

މޮނާކޯގެ ހުނަރުވެރި ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭ --- ފޮޓޯ/ އޭޕީ

ރެއާލުން ބޭލް ދޫކޮށްލައިފާނޭ ކަމުގެ އިޝާރާތެއް ލިބުމުން، ބޭލް ޕްރިމިއަރ ލީގަށް އަލުން ގެނައުމަށް އެންމެ ބޮޑަށް އުޅޭނޭ އެއްބަޔަކީ މެންޗެސްޓާ ޔުނައިޓެޑްކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މިހާރުވެސް ޔުނައިޓެޑުން ދަނީ، ރެއާލްގެ ލަޝްކަރުގެ ކުރީގައި ތިބި ބައެއް ކުޅުންތެރީންނަށް ފާރަލަމުންނެވެ.

އެމްބާޕޭ ހޯދުމަށް ރެއާލުން ކުރިމަތިލާފައި މިވަނީ، އިނގިރޭސި ދެ ކްލަބެއް ކަމަށްވާ، އާސެނަލާއި ލިވަޕޫލުންވެސް އޭނާއަށް ފާރަލަމުން ދަނިކޮށެވެ. އެމްބާޕޭ ހޯދުމުގެ ރޭހުގައި އާސެނަލުން ކުރިއެރުންތަކެއް ހޯދާފައި ވާކަމަށް ރިޕޯޓުތައް ބުނާއިރު، އެ ރޭސް ކާމިޔާބުކުރުމަށް ލިވަޕޫލުން މިހާރު ވަނީ، 100 މިލިއަން ޕައުންޑުގެ ހުށަހެޅުމަކަށް ތައްޔާރުވެފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.