24 Jun 2017, 12:39
ބޮލީވުޑްގެ "ޓްރެޖެޑީ ކިންގް"ގެ ގޮތުގައި މަޝްހޫރު ދިލިޕް ކުމާރު މަރުވެއްޖެ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.
ސޯޝަލް މީޑިއާ އިން، މަޝްހޫރު ފަރާތްތައް 'މަރާލުމަކީ' އާ ކަމެއް ނޫނެވެ. އަދި މިއީ ދިލިޕް މަރުވި ކަމަށް ބުނެ ޚަބަރުތައް ދައުރުވާން ފެށި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.
ޚަބަރުތައް ދޮގުކުރަމުން ދިލިޕް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ބުނާ މި ރަމަޟާން މަހު އޭނާގެ ސިއްހަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި، ބޭސް ކާން ޖެހޭތީ ރޯދަ ނުހިފޭ ކަމަށެވެ.
ދިލިޕް ބުނީ މިހާރު ވެސް އޭނާއަށް ގިނަ އެވޯޑުތަކެއް ލިބެމުން އަންނަ ކަމަށާއި، އަދި އެވޯޑު ހުށަހެޅުމަށް ވެސް ފުރުސަތު ލިބެމުން އަންނަ ކަމަށެވެ.
އުމުރުން 94 އަހަރުގެ ދިލިޕް ކުމާރުގެ ސިއްހީ ހާލު ގޯސްވެ، ދޭތެރެއަކުން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެއެވެ. އެގޮތުން އޭނާގެ 94 ވަނަ އުފަންދުވަސް ވެސް ފާހަގަ ކޮށްފައި ވަނީ ހޮސްޕިޓަލުގައެވެ.
ދިލިޕް ކުމާރު ފިލްމަކުން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 1998 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ގިލާ' އިންނެވެ.
ޕާކިސްތާނުގެ ޕިޝާވަރަށް އުފަން ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް ޚާން އެވެ. ފިލްމީ ދާއިރާއަށް 1944ގައި ތައާރަފް ވުމަށް ފަހު އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަންދާޒް، ދޭވްދާސް އަދި ޝަހީދު ހިމެނެއެވެ.
އަދި 60 އަހަރަށް ދެމިގެން ދިޔަ ފިލްމީ ހަޔާތުގައި ދިލިޕް ކުމާރު ވަނީ ނުވަ ފިލްމްފެއާ އެވޯޑު ހާސިލްކޮށްފައެވެ. އޭނާއަކީ މިހާރު ވެސް ފިލްމްފެއާ ބެސްޓް އެކްޓާ އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ބޮލީވުޑުގެ ފަންނާނެވެ.