ކުރިއަށް އޮތް ތަނުގައި، ހަރުކަށި ފިކުރުތަކާއި ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމަށް ޓަކައި، އިސްލާމީ ތައުލީމުދޭ މަރުކަޒުތައް ވަރަށް މުހިއްމުކަމަށް ސައުދީ ވަލީއަޙްދު އަލްއަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މައްކާގެ ހަރަމްފުޅު ސަރަހައްދުގައި ރޭ ބަޔަކު ދޭންއުޅުނު ޓެރަރިސްޓް ހަމަލާތައް ކުށްވެރިކުރުމަށް، މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ ޝެއިޚް އަޙްމަދު އައްޠައްޔިބު ފޯނުން ގުޅުއްވުމުން، ޝެއިޚާ ވާހަކަފުޅުއް ދައްކަވަމުންނެވެ.

މިސްރުގައި ހުންނަ އަލް އަޒްހަރު ޔުނިވާސިޓިއަކީ، ސުންނީ މުސްލިމުންގެ މެދުގައި އެންމެ ބޮޑު އިހްތިރާމަކާއި ގަދަރު ދެވިގެންވާ ޔުނިވާސިޓީ އެވެ.

ވަލީއަޙްދު މުހައްމަދު ބިން ސަލްމާން ފާހަގަކުރެއްވި ގޮތުގައި، މުސްލިމް ދުނިޔޭން މިހާރު ތަހައްމަލްކުރަމުން މިދާ، ޓެރަރިޒަމާއި ހަނގުރާމައާއި ހައްދުފަހަނަޅައި ދިއުން ފަދަ ހަރުކަށި ފިކުރުތައް ނައްތާލުމަށް އަލް އަޒްހަރު ޔުނިވާސިޓީން ދަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

ހަގީގީ އިސްލާމުންނާއި އިސްލާމީ ފިކުރަކީ ކޮބައިކަމާއި، ހަރުކަށި ޚިޔާލުތަކާއި ފިކުރުތަކުން މުސްލިމުން ސަލާމަތްކުރުމަށް އިސްލާމީ ތައުލީމުދޭ ތަންތަނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނޭ މަރުކަޒުތަކެއް ކަމަށް ވަލީއަޙްދު މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ.

*-މަސްދަރު: އަލް އަރަބިއާ