16 Jul 2011, 18:41
ބަޣްދާދު : ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ސަރުކާރުގެ އިސް މަސްއޫލުވެރިންގެ ތެރޭގައި ހިމެނޭ ފަސް ބޭފުޅަކަށް މަރުގެ އަދަބު ދޭނެކަމަށް ޢިރާޤު ސަރުކާރުން ބުނެފި އެވެ.
މި ފަސް ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަވަހާރަކޮށްލާފައިވާ ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ އެއްބަނޑު ދެ ކޮއްކޮއިން ކަމަށްވާ ވަތަބާން އާއި ސަބްޢާވީ ގެ އިތުރުން ކުރީގެ ދިފާޢީ ވަޒީރު ސުލްތާން ހާޝިމް އާއި ކުރީގެ ޖެނެރަލެއް ކަމަށްވާ ޙުސައިން ރަޝީދާއި ބައަސް ޕާޓީގެ ކުރީގެ ލީޑަރު ޢަޒީޒު ސާލިޙް އެވެ.
ޢިރާޤުގެ ޖިނާއީ ކަންތައްތަކާބެހޭ އެންމެމަތީ ކޯޓުން ވަނީ މި ފަސް ބޭފުޅުންގެ މައްޗަށް ޝަރީޢަތް ހިންގުމަށްފަހު މަރުގެ ޙުކުމް އިއްވާފައެވެ. މިފަސް ބޭފުޅުން ދަންޖައްސައި މެރުމުގެ ޙުކުމް މިމަހުގެ ތެރޭގައި ތަސްދީޤު ކުރާނެކަމަށް ޢިރާޤުގެ ރިޔާސީ ކައުންސިލުން ހާމަކޮށްފައިވާއިރު އަންނަމަހު މި ޙުކުމް ތަންފީޒު ކުރާނެ ކަމަށް ޢިރާޤުގެ ޖަސްޓިސް މިނިސްޓްރީގެ ތަރްޖަމާނަކު ވިދާޅުވިއެވެ.
އެެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައިވާ މި ފަސް ބޭފުޅުން މިހާރު ވަނީ ޢިރާޤު ސަރުކާރާ ހަވާލުކޮށްފަ އެވެ. އެމެރިކާ ސިފައިން ޣައިރު ޤާނޫނީ ގޮތުން ޢިރާޤަށް އަރައި ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ސަރުކާރު ވައްޓާލުމަށްފަހު ޢިރާޤުގައި އުފައްދާފައިވާ ވެރިކަމުގެ ނިޒާމުގެ ފަރާތުން ސައްދާމަށާއި ޢިރާޤުގެ ކުރީގެ އެތަށް މަސްއޫލުވެރިއަކަށް ވަނީ މަރުގެ އަދަބު ދީފައެވެ.
ސައްދާމްގެ ސަރުކާރު ވައްޓާލުމާގުޅިގެން ޢިރާޤުވަނީ ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވެފައެވެ. -- އަލް ޖަޒީރާ