24 Jun 2017, 12:16
މާލޭ ލީގުގައި މިރޭ ގްރީން ސްޓްރީޓާ ދެކޮޅަށް ވެލެންސިއާ ނުކުންނައިރު އެޓީމް އޮތީ ވަރަށް ބޮޑުތަން ރަނގަޅުވެ، ފުރިހަމައަށް މެޗަށް ތައްޔާރުވެފައި ކަމަށާއި އަދި ތަފާތު ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗް އަހްމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.
ޕްރީ-މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ފެސްކޯބުނީ ވެލެންސިއާއަށް ތައްޔާރުވުމަށް ރަނގަޅު ބްރޭކެއް ލިބިއްޖެ ކަމަށާއި ލީގު މެދު ކެނޑިފައި އޮތް މުއްދަތުގެ ތެރޭގައި ޓީމަށް އެދެވޭ މުހިއްމު ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ.
ކޯޗް ބުނީ ޓީމުގެ ކުޅުންތެރިންވެސް މި ވަގުތު ތިބީ މޮޅެއް ބޭނުން ވެފައި ކަމަށާއި އުންމީދަކީ ގްރީން ސްޓްރީޓް އަތުން މޮޅެއް ލިބުން ކަމަށެވެ. އަދި ކޯޗް ބުނީ ލީގު ތާވަލުގައި ކޮންމެ ހިސާބެއްގައި އޮތަސް ވެލެންސިއާއިން މަސައްކަތް ކުރާނީ ފަހަރަކަށް ވުރެ ފަހަރެއް ނަތީޖާ ރަނަގަޅު ކުރަން ކަމަށާއި އެކަން ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ވެލެންސިއާ މިވަގުތު މާލޭ ލީގު ތާވަލްގެ އެންމެ ފުލުގައި އޮތް އިރު ކުރިއަށް އޮތް ކޮންމެ މެޗަކުންވެސް ބަލިނުވެ ރަނަގަޅު ނަތީޖާއެއް ހޯދުން އެޓީމަށް މުހިއްމެވެ.
ގްރީން ސްޓްރީޓާއި ވެލެންސިއާ ކުޅޭ މެޗް އޮންނާނީ މިރޭ 22:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.