24 Jun 2017, 10:19
މާލޭ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކުލަބާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުން ނިއު މޮޅުވެއްޖެއެވެ.
ޓީސީ އަތުން ރޭ ނިއު މޮޅުވީ 4-3ގެ ނަތީީޖާއަކުންނެވެ.
މިމެޗުގައި ނިއުގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މިދިޔަ އަހަރު އެފްއޭއެމް އިން ހޮވި އެންމެ މޮޅު ކުޅުންތެރިއާ އިތުބާރު ފޯވަޑް އަދި މި މެޗުގެ މޮޅު ކުޅުންތެރިއާ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ މެޗުގެ 34 ވަަނަ މިނިޓްގައި ނިއު އިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އެ ލަނޑު ނިއުއަށް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް ޓީސީން ވަނީ ގޯލެއް ޖަހައި އުންމީދު އާކޮށްފައެވެ. އެ ޓީމަށް އެ ގޯލް ޖަހައިދިނީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ނާއިޒް (ދާދު) އެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ 51 ވަނަ މިނިޓްގައި ޓީސީން ވަނީ ނަތީޖާ ހަމަހަމަކޮށް ނިއު ހާސްކޮށްލައިފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޓެވާޓް އެވެ.
މެޗުގެ ނަތީޖާ 2-2ން ދެ ޓީމް ހަމަހަމަ ވެފައިވަނިކޮށް ދެވަނަ ފަހަރަށް ނިއުއަށް މެޗުގެ ކުރި ހޯދައިދިނީ ވެސް ސެންޓޭއެވެ. އޭނާ އެ އެލަނޑު ކާމިޔާބުކުރީ ހަމްޕުގެ އެހީތެރިކަމާއެކު އެވެ.
ޓީސީން ތިންވަނަ ގޯލެއް ޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީވެސް ޕެނަލްޓީއަކުންނެވެ. އެ ގޯލް ޖަހައިދިނީ ސްޓެވާޓެވެ.
ނިއުއިން ކާމިޔާބުކުރި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިއާ ގަލާޑޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހު ވަގުތުއެވެ.
ރޭ ޓީސީ އަތުން ލިބުނު ތިން ޕޮއިންޓާ އެކު ނިއު އަށް ވަނީ ތަވަލްގެ އެއްވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ޕޮއިންޓް ލިބިފައެވެ. ދެ ޓިމަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު މާޒިޔާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.