ޑީއާރްޕީ އާއި ޕީޕަލްސް އެލައަންސް )ޕީއޭ(އިން ހަދާފައިވާ ކޮއިލިޝަން މުއާހަދާ އުވާލުމުގެ ސަބަބުން އިދިކޮޅު ހުރިހާ ފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ޕީއޭއިން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ސަންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ތަސްމީން ވިދާޅުވީ ކޮއިލިޝަން އެގްރިމެންޓް އުވާލުމަކީ ޕީއޭގެ ކަމެއް ކަމަށެވެ. އަދި އެކަމާ ޑީއާރްޕީން ކުރާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އެކަމަކާ އަޅުގަނޑު، ޑީއާރްޕީން ކުރާނެ އެއްވެސް ކަމެއް ނެތް. ކޮއިލިޝަން ރޫޅައިލީ އެބޭފުޅުން )ޕީއޭއިން( އިން. އެކަމަކު ކޮއިލިޝަން ރޫޅައިލުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އެބޭފުޅުން )ޕީއޭ( އުފުއްލަވަންޖެހޭނެ،" ތަސްމީން ވިދާޅުވި އެވެ.

އިދިކޮޅު ބޮޑު ޕާޓީ ޑީއާރްޕީ އާއި ޕީއޭއާ ދެމެދު ކޮއިލިޝަނެއް ހެދީ ސެޕްޓެމްބަރު 1،2008 ގައެވެ. އެ މުއާހަދާއަކީ ސިޔާސީ ގޮތުން އެއްބާރުލުން ދިނުމުގެ ގޮތުން ދެ ޕާޓީގެ މެދުގައި އެއްބަސްވި އެއްބަސްވުމެކެވެ. ކޮއިލިޝަން އުވައިލީ މިދިޔަ ބުދަ ދުވަހުގެ ރޭ ޕީއޭގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 12 މެމްބަރުންގެ އިއްތިފާގުންނެވެ.

ތަސްމީން ވިދާޅުވީ މުއާހަދާ ރޫޅައިލުމަށް ފަހު ޕީއޭއީން ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި އާންމުންނަށް ކަންކަން އޮޅިގެންދާ ގޮތަށް ދައްކާފައިވާ ވާހަކަތައް ކަމަށާއި އެކަމަށް އިންކާރު ކުރައްވާ ކަމަށެވެ.

"ހަގީގަތުގައި ޑީއާރްޕީގެ ލީޑަރަކަށް އަޅުގަނޑު ނުވަނީސް ތިޔަ އެގްރީމެންޓެއް ހަދައިފި. އެއީ މައުމޫން ހުންނަވަނިކޮށް، އޭރުވެސް އެ އެގްރިމެންޓްގެ އަސާސްތަކާ ހިލާފުވަމުން އެބޭފުޅުން ވަޑައިގަތީ، ޑީއާރްޕީއެއް ނޫން، އެބޭފުޅުން އަހަންމިއްޔަތު ކަމެއް ނުދެއްވީ. އެހެންވީމާ ޑީއާރްޕީއަކުން ނޫން އެކަން ކޮށްފައި ވަނީއަކީ. ދެން މިހާރު އަޅުގަނޑު ދަންނަވަން އޮތީ އެއްބަސްވުން ރޫޅައިލައިގެން އޭގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ ޕީއޭއިން ކަމަށް،" ތަސްމީން ވިދާޅުވި އެވެ.


ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު، އަބްދުﷲ ޔާމީންގެ ޕީއޭއިން ކޮއިލިޝަން ރޫޅައިލުމަށްފަހު ވަނީ ބަޔާނެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ބުނަނީ ކޮއިލިޝަން އުވައިލަން ޖެހުނު މައިގަނޑު ސަބަބަކީ، މިދިޔަ އަހަރުގެ ޑީއާރްޕީގެ ކޮންގްރެސްއަށްފަހު އަލަށް އިންތިހާބުކުރެވުނު ލީޑޝިޕުން އެ އެއްބަސްވުމަށް "އަމަލުކުރުމަށް މާބޮޑު އަހަންމިއްޔަތުކަމެއް" ނުދިނުން ކަމަށެވެ. އަދި މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރިކުރުވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ޑީއާރްޕީގެ ލީޑާޝިޕުން އިސްނެގުމެއް ނެތުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު އެހެން ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޑީއާރްޕީން ތަރުހީބެއް ނުދިނުމެެވެ.

ނަމަވެސް ލީޑަރު، ތަސްމީން ވިދާޅުވީ "އެއީ ބޮޑުވެގެންވާ ދޮގެއް" ކަމަށެވެ.

ޑީއާރްޕީ އާއި ޕީއޭގެ ކޮއިލިޝަން މުއާހަދާ އުވައިލީ ޑީއާރްޕީގެ ޒެޑް ފެކްޝަނުން ވެސް އެއްބަސްވުން އުވައިލުމަށް ގޮވާލައިފަ ވަނިކޮށެވެ.