24 Jun 2017, 00:34
މިދިޔަ ބުދަދުވަހު ނެރުނު އިސްލާމިކް މިނިސްޓްރީގެ 2016 އޮޑިޓް ރިޕޯޓްގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އޭގެ ހައްގުވެރިންނަށް ލިބުނުކަމަށް ކަށަވަރުކުރެވިފައި ނުވާކަމަށް ބުނެފައި ވީނަމަވެސް އެއީ އަދި ހިޔާނާތްތެރިވުން ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
މުދަލު ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުގައި 13.4 މިލިއަން ރުފިޔާލިބިފައިވާ އިރު އެފައިސާ ޚަރަދު ކުރި ގޮތުގެ ތަފްސީލް ފެންނަން ނެތްކަމަށް އޮޑިޓް ރިޕޯޓް ގައި ބުނެފައި ވެއެވެ. އެ ރިޕޯޓްގައި ހާމަ ކޮށްފައިވާ ގޮތުގައި ތަކުރާރުކޮށް އެދުމުންވެސް އިސްލާމިކް މިނިސްޓްރީއިން ޒަކާތުގެ ފައިސާ ޚަރަދުކުރިގޮތުގެ ތަފްސީލް އޮޑިޓް އޮފީހާ ހިއްސާކޮށްފައިނުވެއެވެ. އަދި ޒަކާތުގެ ގޮތުގައި ލިބިފައިވާ 13.4 މިލިއަން ރުފިޔާ އޭގެ ހައްގުވެރިންނަށް ލިބިފައިވާކަން ކަށަވަރުނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ 18 ރަށެއްގެ ކައުންސިލުން ޒަކާތް ދޫކުރިކަމުގެ ލިޔުން މިނިސްޓްރީއަށް ފޯރުކޮށްދީފައި ނުވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާހިމް އަހުމަދު ވިދާޅުވީ ޒަކާތުގެ ކަންތައް ހިނގައިދިޔަގޮތުގެ ރިޕޯޓް ކައުންސިލްތަކުން އެ މިނިސްޓްރީއަށް ނުފޮނުވާނަމަ އެ މައުލޫމާތު އޮޑިޓް އޮފީހާ ހިއްސާ ނުކުރެވޭނެ ކަމަށެވެ.
"ރަށްރަށުގައި ޒަކާތް ހައްގުވާ މީހުންގެ ފައިސާގެ ތެރެއިން ބާކީވާ ފައިސާ މިނިސްޓްރީ އަށް އަނބުރާ ފޮނުވާފައި އެ ސްލިޕް ފިނޭންސް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން އޮވޭ. އަޅުގަނޑުމެންނާ ހަމައަށް އެ ސްލިޕް ނުފޮނުވަނީހެއް ފައިސާއަށް ވީ ގޮތެއް ބުނެދޭކަށް ނޭނގޭނެ،" އިބްރާހިމް އަހުމަދު ވިދާޅުވިއެވެ.